ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ އަސްލު އަގު ހޯދަން ދިރާސާ ކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އެ ހޮސްޕިޓަލްގެ އަސްލު އަގު ހޯދަން އިވެލުއޭޝަނެއް ހަދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ވޭތުވެދިޔަ ފަސް އަހަރު އޭސީސީއިން ކުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތާއި ގުޅުންހުރި މައްސަލައެއް އޭސީސީއިން ބަލަމުން ގެންދާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަަމަށެވެ.

"މިހާރު ވަރަށް ޓެކްނިކަލް މަަސައްކަތެއް ކުރަން ވަނީ ނިންމާފަ، އެއީ އިމާރާތުގެ އިވެލުއޭޝަނެއް ހެދުމަށްޓަކައި އަގު ކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއެކީގައި މަޝްވަރާ ކުރަން." މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަކީ ވަރަށް ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 140 މިލިއަން ޑޮލަރުގެ އަގުބޮޑު ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ އެވެ. އެ މަޝްރޫއާ މެދު ތުހުމަތުތައް ކުރެވި އެމައްސަލަ އޭސީސީއިން ބަލައި އެކަމުގައި ކޮރަޕްޝަން ނެތް ކަމަށް ކުރިން ވަނީ ނިންމައިފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮރަޕްޝަންގެ ވާހަކައަކީ މިހާރު ސަރުކާރުގައި އޮތް އެމްޑީޕީއިން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އެވެ.