ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ގައުމީ ޓީޓީ ޓީމު ލޯމެޑަލް ހޯދައިފި އެވެ.
ފަސް ގައުމު ވާދަކުރި މުބާރާތުން ރާއްޖެ ތިން ވަނަ އަށްދިޔައީ ލީގު އުސޫލުން ބުރެއް ކުޅެ ނިމުނުއިރު ތިން ވަނަ އަށް ދިއުމުންނެވެ. ރާއްޖެ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން މަޑަގަސްކަރަ އާއި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޮރިޝަސް ބަލިކޮށްފަ އެވެ. ރާއްޖެ ބަލިވީ ރިހި މެޑަލް ލިބުނު ރިޔޫނިއަން އާއި ސީޝެލްސް އަތުންނެވެ.
މިއީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްގައި ރާއްޖެ ހޯދި ތިން ވަނަ މެޑަލް އެވެ. އަނެއް ދެ މެޑަލް ލިބުނީ ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި ޝަމްހާ އަހުމަދަށެވެ. 10 ކިލޯމީޓަރު ދުވުމުން ޝަމްހާ ލޯމެޑަލް ހޯދިއިރު 100 މީޓަރު ރިލޭއިން ސާއިދު ވަނީ ރަންމެޑަލް ހޯދައިފަ އެވެ. މިއީ ދިވެހި ކުޅުންތެރިއަކު މިހާތަނަށް ކުޅިވަރު މިފަދަ މުބާރާތަކުން ހޯދި ފުރަތަމަ ރަންމެޑަލް އެވެ.
މި ގޭމްސްގައި އޮލިމްޕިކް ކޮމިޓީން އުއްމީދު ކުރަނީ 9 އާއި 15 އާ ދެމެދުގެ އަދަދަކަށް މެޑަލް ހޯދުމަށެވެ. ގޭމްސްގައި ރާއްޖެ 10 ކުޅިވަރެއްގައި ވާދަކުރެ އެވެ.