ރަހީނުކޮށްގެން މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށް މަސައްކަތް ކުރި އިންޓެލިޖަންސްގެ ދެ އޮފިސަރުންގެ މައްސަލަ ބަލައި ކުރީ ސަރުކާރުން އެ ދެ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެ ދެ މީހުންނަށް އަލުން ވަޒީފާ ދީފައިވަނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އިން ބުނެފައި ވަނީ ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަކަށް ދެ ފުލުހުން އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓެއް ހައްދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އެ ދެ ފުލުހުން ހައްޔަރު ކުރުމަށް އޭޖީ އޮފީހުން ވަނީ އަންގައިފަ އެވެ. ނަމަވެސް ފުލުހުން ދާދި ދެންމެއަކު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ހެއްކެއް ނެތް ކަމަށެވެ.
އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ ވިދާޅުވެފައި ވަނީ ރިލްވާން މައްސާގައި ތަހުގީގަށް ހުރަސް އެޅި ކޯޕްރަލް މުހައްމަދު ޖިނާހު އާއި އިބްރާހިމް ރިއްފަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލައި ވަޒީފާ އިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ. އެހެން ނަމަވެސް އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދީފައި ވަނީ މި ސަރުކާރުން ކަމަށް އުމަރު ވިދާޅުވި އެވެ.
އެކަން އާންމުންނަށް ފޮރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް ސުވާލު ކުރި ބައްދަލުވުން ސިއްރުކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރިލްވާން މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ވެސް ބާއްވާފައި ވަނީ މީޑިއާތަކަށް ސިއްރުކޮށްގެނެވެ.