- ތަހުގީގު ބާރަށް ކުރިޔަށް ގެންދަން ފުލުހުންނަށް އަންގައިފިން
- ބަދަލުތަކާއެކު ރިލްވާންގެ އާއިލާ އޮތީ އުންމީދު އާވެފައި
- މިއީ އަޅުގަނޑު އާއިލާއާ ބައްދަލު ކުރި ހަވަނަ ފަހަރު
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމައާ އާއިލާއާ މިއަދު ބައްދަލުކޮށް މިމައްސަލައިގެ ހަގީގަތް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓެއް ކުރައްވާ ވިދާޅުވީ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ އާއިލާ އާއި އޭނާގެ މަންމައާއ އެމަނިކުފާނު ބައްދަލުކޮށް ރިލްވާން މައްސަލައި ހަގީގަތާއި ތެދު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލާގައި ނުފުރޮޅާނެ އެންމެ ގާ ކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ.
މިނިސްޓަރު އުމަރު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިލްވާންގެ މަންމައާ އާއިލާގެ މެންބަރުންނާ އެމަނިކުފާނު ބައްދަލު ކުރެއްވީ މިއަދު ހެނދުނު ކަމަށާއި މިއަދު ބައްދަލު ކުރެއްވި ނަމަވެސް މިއީ އެ އާއިލާއާ އެމަނިކުފާނު ބައްދަލު ކުރެއްވި ހަވަނަ ފަހަރު ކަމަށެވެ.
"މިއަދު ހަވަނަ ފަހަރަށް ބައްދަލުވި އިރު ރާއްޖެއަށް އަދި ސަރުކާރުގެ ބައެއް ކަންކަމަށް މި އައި ބަދަލުތަކާއެކު ރިލްވާންގެ މައްސަލާގައި އާއިލާ އޮތީ ވަރަށް ބޮޑަށް އުންމީދު އާވެފައި، އަދި އަޅުގަނޑު ސަރުކާރުގެ ފަރާތުން ޔަގީންކޮށް ދިނިން މި މައްސަލާގައި ހަގީގަތާއި އަސްލަށް ވާސިލުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ފުރޮޅަންޖެހޭ ހުރިހާ ގަލެއް ފުރޮޅައިދޭނެ ކަމަށް، އެ ޔަގީންކަން އަޅުގަނޑުވާނީ މިއަދު ދީފައި،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޔަގީންކަށް ދެއްވުމަށްފަހު ރިލްވާނެ މައްސަލައިގެ ތަހުގީގުގައި އިތުރު ބާރުލައި ހަގީގަތް ހޯދުމުގެ ތަހުގީގު ބާރަށް ކުރިޔަށް ގެންދަން މިއަދު ފުލުހުންނަށް ވެސް އަންގާފައިވާނެ ކަމަށެވެ.
މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނޫސްވެރިޔާ ގެއްލުނީ އޯގަސްޓް 8، 2014 އިގައެވެ.
ރިލްވާންގެ އާއިލާ އާއި ގާތް ބައެއް ރައްޓެހިން ބުނާ ގޮތުން ރިލްވާން ގެއްލިފައި ވަނީ ބަޔަކު މީހުން ރާވައިގެން އޭނާ ރަހީނުކޮށް "ގެއްލުވާލާފައިވުމުން" ނެވެ. ރިލްވާން ރަހީނުކޮށް ވަގަށް ނަގައި ގެއްލުވާލާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރާއިރު އޭނާ ހުޅުމާލޭގައި ދިރިއުޅުނު ފްލެޓަށް ގްރޫޕަކުން ވަދެ މީހަކު ގަދަކަމުން ބޭރުކޮށް ކާރަކަށް އެރުވި މަންޒަރު ވެސް ބައެއް ފަރާތްތަކަށް ފެނިގެން އެކަން ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް ރިލްވާން ދިރިއުޅުނު ފްލެޓުން، އޭނާ ގެއްލުނު ކަމަށް ބުނާ ދުވަހާ ދިމާކޮށް ގްރޫޕަކުން "ވަގަށް ނަގައިގެން ދިޔައީ" ވެސް ރިލްވާން ކަމެއް ނޭނގެ އެވެ. ފުލުހުންނަށް އެ މައްސަލާގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާކަން އާންމުކޮށްފައެއް ނުވެ އެވެ.
އެއް ބަޔަކު ބުނާ ގޮތުން ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހައްދުފަހަނަޅައިގޮސްފައިވާ ފަރާތްތަކެވެ. ނަމަވެސް އަނެއް ބަޔަކު މި މައްސަލާގައި ތުހުމަތުގެ އިނގިލި ދިއްކުރަނީ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. ފާހަގަކޮށްލަން ޖެހެނީ ރިލްވާންގެ މައްސަލަ ކުރިއަށް ވުރެ ވަރުގަދަކޮށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި މި ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅުން ހުރި ކަމުގެ ތުހުމަތަށް ނައިބު ރައީސް އަދީބު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ކަމެވެ.
ރިލްވާން ގެއްލުނީ، ދ. މާގައު ބަޔަކަށް ދިނުމުގައި އަދީބު ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކެއްގެ ޑޮކިއުމެންޓްތައް ރިލްވާނަށް ލިބިފައިވަނިކޮށް ކަމަށް މީހުން ބުނެ އެވެ.
ނަމަވެސް އަދީބު ކުރިން ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"ރިލްވާން އަޅުގަނޑަށް ޓުވިޓާ އިން ފެނޭ. އެހެން ނަމަވެސް އަޅުގަނޑާ ދުވަހަކު ސުވާލެއް ވެސް އަދި ހަމަ އިންޓަވިއުއެއް ނުވަތަ އެ ކަހަލަ އެއްވެސް ގޮތަކަށް ދިމާވެފައެއް ނެތް. އަޅުގަނޑުގެ ހިތާމައަކީ ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އެ މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އެކި ނޫސްވެރިންނަށް މި ރިޕޯޓް އަޅުގަނޑޭ ކިޔައިގެން ޖަހާދޭށޭ ކިޔައި ކުރެއްވި ކަމަކަށް ވާތީ،" އަދީބު ވިދާޅުވެފައިވެ އެވެ.
ރިލްވާން ގެއްލުނު މައްސަލަ އަށް މީހުން ހައްޔަރުކުރި ނަމަވެސް ހެކިނެތިގެން އެމީހުން ވަނީ ދޫކޮށްލެވިފަ އެވެ. ފުލުހުން ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ ތަހުގީގަކީ މިގޮތަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އަދި ޚަރަދު ބޮޑު ތަހުގީގު ކަމަށެވެ.