އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރުދީފި އެވެ.
އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގަ އެވެ. އެ އިންޒާރުތަކުގެ ސްކްރީންޝޮޓް ހިއްސާކޮށް އުމަރު ނަސީރު ވިދާޅުވީ މަރުގެ އިންޒާރު ލިބެމުންދާތީ އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ކުރިން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އުމަރު ނަސީރަށް މަރުގެ އިންޒާރުދީފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އުޅުއްވަނިކޮށް އުމަރަށް މީހަކު ވަނީ ހަމަލާދީފަ އެވެ.
އެ ހަމަލާ ދިން ވަގުތު އުމަރު ކައިރީގައި ސިފައިންގެ ހަތަރު ބޭފުޅުން ތިއްބެވި ކަމަށް އެނގިފައިވެ އެވެ.
އުމަރު ވިދާޅުވީ އޭނާ އަށް ހަމަލާ ދިނީ ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު ވިއްކާ މީހުންނަށް ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން ކުށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެ އުމަރު ގެންދަވަނީ ޑްރަގު ވިޔަފާރީގައި އުޅޭ މީހުންނަށް ވަރުގަދައަށް އިންޒާރު ދެއްވަމުންނެވެ.