ރިޔާސީ އިންތިހާބު 2023

ފޮނަދޫގައި ވޯޓުލުން މެދުކަނޑާލައިފި

ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން މެދުކަނޑާލައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނިކޮށް ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން މެދުކަނޑާލީ ވޯޓުލާން ދޫކުރި ކަރުދާސްތަކެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތިވުމުންނެވެ.

އެގޮތުން ފޮނަދޫ ތިން ނަންބަރު ވޯޓުފޮށިން ދޫކުރި ތިން ކަރުދާހެއްގައި ކުރަހާފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފޮނަދޫގައި ވޯޓުލުން މެދުކެނޑިފައިވާއިރު އިންތިހާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުންނެވެ. އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ.

އިންތިހާބުގައި މިއަދު ހެނދުނު 11:00އާ ހަމައަށް 97،220 މީހުން ވަނީ ވޯޓުލާފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 586 ވޯޓުފޮށި ވަނީ ބަހައްޓާފަ އެވެ.