ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމުގައި މަޝްވަރާކޮށްފި

Dec 13, 2022

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާއި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިބައްދަލުވުމަކީ ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިހާބުގެ ސަލާމަތީބ ކަންކަމާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށްލުމަށް ބޭއްވި ބައްދަލުުވުމެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބެހެއްޓުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކޮމިޝަނުން މިހާރު ވަނީ އެކުލަވާލާފަ އެވެ.

ރިޔާސީ އިންތިހާބަށް ޕާޓީ ތަކުންވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޕީޕީއެމް އިން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދީފައިވާއިރު އެމްޑީޕީއާއި އެމްއެންޕީން ގެންދަނީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.