އިލެކްޝަންސް ކޮމިޝަން

ފުލުހުންގެ ކެމެރާތަކަށް ހުރަސް އެޅޭ ކެމްޕޭން ތަކެތި ނަގަން އަންގައިފި

ފުލުހުންގެ ސެކިއުރިޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ހަރުކޮށްފައިވާ ކެމްޕޭން ތަކެތި ނެގުމަށް ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލެސިޓީގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާތަކާއި މާލެސިޓީގެ މަގުތަކާއި ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭ ގޮތަށް ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން ތަކެތި ބަހައްޓަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ ތެރޭގައި ނެގުމަށް ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް އަންގާފައިވާ ކަމަށް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއެކު އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ބައްދަލުކުރި ދުވަހުވެސް އެކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް މަގުތަކުގަޔާއި، އިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށް ކޮންމެ ފަހަރަކު ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތް ނޫން ކަމަށާއި ޕާޓީތަކުން މިހާރަށްވުރެ ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެދޭ ކަމަށެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު ޕާޓީތަކުގެ ދިދަފަތިތައް ވަނީ މަގުތަކުގައި ދަމާފަ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ވައުދުތަކުގެ ޕޯސްޓަރުތައް ދަނީ މަގުތަކާއި އިމާރާތްތަކުގައި ހަރުކުރަމުންނެވެ.