މޯލްޑިވްސް ޕޮލިސް ސާވިސް

އިންތިހާބުގެ ސަލާމަތީ ކަންކަމަށް ތައްޔާރުވެވިއްޖެ: ޕޮލިސް

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންތިހާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮޕަރޭޝަން ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ އިންތިހާބަށް ފުލުހުން ކުރިއަށް ގެންދާ އެންމެ ފަހު އެކްސަސައިޒް ވެސް މާދަމާ މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ.

ޝާކިރު ވިދާޅުވީ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ފުލުހުން ބަލަމުންދާނެ ކަމަށާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަންކަން ހިނގާނަމަ އެކަންކަން ހުއްޓުވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން މިމަހުގެ އަށްވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ފަހުން ހުއްޓާލަން ޖެހޭތީ އިންތިހާބުތަކާ ގުޅޭ ގާނޫނުތަކުގައި މަނާކޮށްފައިވާ ކަންކަން އެ ވަގުތުން ފެށިގެން ނުކުރަން ޝާކިރު އެދިވަޑައިގެންނެވި އެވެ. އަދި ވޯޓުލާ ދުވަހުގެ ކުރީ ރޭ މެންދަމު ބައެއް މީހުން ވޯޓުލާ މަރުކަޒުގެ ކައިރީގައި ކިޔު ހަދަން ފަށާކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށްވެސް ވޯޓުލުމުގެ ފުރުސަތު ލިބޭނެތީވެ އެގޮތަށް މާކުރިން ނިކުމެ ކިޔު ނުހެދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަވަސްކޮށް ހާއްސަ ގޮތެއްގައި ވޯޓުލެވޭ މީހުން އެބަވޭ ކަނޑައަޅާފައި. އެއީ ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން. މި ދެންނެވި ހުރިހާ ފަރާތްތަކަށް ވެސް ހާއްސަ އިންތިޒާމެއްގެ ތެރެއިން ވޯޓުލުމުގެ ފުރުސަތު ހަމަޖެހިގެންދާނެ،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓުލާ ދުވަހު އިންތިހާބަށް ބުރޫއަރާނެ އަދި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަަމަށެވެ. ސިޔާސީ ޕާޓީތަކުންވެސް އެގޮތަށް އަމަލުކުރުމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އެއް ހަފްތާ އަކީ ކެމްޕޭންގެ އެންމެ ފޯރިގަދަ އަދި އެންމެ ފަހުގެ ކެމްޕޭން ކުރިއަށްދާ ހަފްތާއަށް ވާތީވެ ސުލްހަވެރިކަމާއި އެކު އަދި ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.

"ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކުރެވޭ ގޮތަށް ހުރިހާ ރަށެއްގައިވެސް އާމާންކަމާއި ސު؛ލްހަވެރިކޮށް އަމަލުކުރަން އިލްތިމާސްކުރަން،" ޝާކިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންތިހާބު ނިންމުމުގެ ގޮތުން ކެންޑިޑޭޓުން ބާއްވާ ހަރަކާތްތައް ފުލުހުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. ފުލުހުންވެސް ކެންޑިޑޭޓުންގެ މަންދޫބުންނާ މަޝްވަރާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.