މޯލްޑިވްސް ޕޮލިސް ސާވިސް

ގޭންގުތަކުގެ ހަރަކާތްތައް އިތުރުވެ ސެކިއުރިޓީ ވަރުގަދަކޮށްފި

ގޭންގުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވުމާ ގުޅިގެން އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާ ކަމަށް ފުލުހުންނަށް ފާހަގަކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމުގެ އިތުރަށް މިއަދު އިންތިހާބުގައި ހަރަކާތްތެރިވަމުންދާ ބައެއް މީހުންނަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށްވެސް ވަނީ މިއަދުގެ ވަގުތެއްގައި ހަމަލާދީފަ އެވެ.

ފުލުހުންނަށް މި ދެ މައްސަލަ ވެސް ހުށަހަޅާފައިވާތީ ފުލުހުން ގެންދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

މެންބަރު ނިހާދާއި މެންބަރު ޝަރީފަށް ހަމަލާދިނުމާ ގުޅިގެން އެޗްއާރްސީއެމް އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.