މިސްރުގެ ސަރުކާރާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރި ކަމަށް ބުނެ މިސްރުގައި ޖަލަށްލި އަލްޖަޒީރާގެ ތިން ނޫސްވެރިންގެ ޝަރީއަތް އަލުން ކުރަން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ޑިސެމްބަރު، 2013 ގައި ހައްޔަރުކުރި އެ ތިން ނޫސްވެރިން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއަކު 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު އަނެއް ނޫސްވެރިއަކަށް ހަތް އަހަރު އަދި ބާކީ ހުރި ނޫސްވެރިޔާ އަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
އެ މައްސަލަ އެ ތިން ނޫސްވެރިންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ގައުމުގެ އިސްތިއުނާފީ ކޯޓަކުން މިއަދު ނިންމީ ދަށު ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ އެ ޝަރީއަތް އަލުން ކުރުމަށެވެ. އަލުން ކުރަންޖެހުނު އެ ޝަރީއަތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭއިރު އެ ޝަރީއަތް ނިމެންދެން ވެސް އެ ތިން ނޫސްވެރިން ތިބޭނީ ބަންދުގަ އެވެ.
އެ ތިން ނޫސްވެރިންނަށް އިއްވި ޖަލު ހުކުމާ އެކު ބައިނަލްއަގްވާމީ ގިނަ ފަރާތްތަކެއް ފާޑު ކިޔުން އަމާޒުވަމުން ދަނިކޮށް އެ ޝަރީއަތް އަލުން ކުރަން ހުކުމް ކުރުމާ އެކު އެ ތިން ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް މިސްރުގެ ސަރުކާރުން ދަނީ އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ.
މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވިދާޅުވެފައިވަނީ އެ ނޫސްވެރިންތައް މިނިވަން ކުރަން ޝަރުއީ ދާއިރާގެ މައްޗަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު ސީސީ ވެރިކަމަށް އައި ފަހުން މިސްރުގައި ނޫސްވެރިންނަށް ދަނީ ގިނަ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.