ދުނިޔެ

އިންޑިއާގެ ހަނދުގެ މިޝަން ފެނަށް!

Sep 7, 2019
2

އިންޑިޔާއިން ހަނދަށް ދާން ކުރިޔަށް ގެންދިޔަ މިޝަން ނާކާމިޔާބު ވެގެން ނިމިއްޖެ އެވެ.

ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދަން އިންޑިއާއިން ޖައްވަށް ފޮނުވި “ޗާންދްރަޔާން-2” ގެ މިޝަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރިޔަށް ދިޔައީ މިޝަން ރާވާފައިވާ ގޮތާއި އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ސަތަހައާއި 2.1 ކިލޯމީޓަރު ކައިރިން ދިވާމި މައްސަލަތަކާއި ގުޅިގެން، މި މިޝަން ނާކާމިޔާބުވީ އެވެ.

މިޝަން ފެއިލްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުމާއި ގުޅިގެނެވެ. ޗަންދުރާޔަން 2 ޖައްވަށް އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ރޭ ހަނދުގެ ދެކުނު ތަނޑިއަށް ފޯރަން އޮތީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގަ އެވެ. ނަމަވެސް އެ މަންްޒިލަށް ވާސިލްވާން ދަނިކޮށް ކުއްލިއަކަށް އުޅަނދާއި ކޮންޓްރޯލްގެ ގުޅުން ކެނޑުނީ އެވެ. ގުޅުން ކެނޑުނު އިރު ޗަންދުރާޔަން 2 ހަނދަށް ޖެއްސުމަށް ގިރާ ކުރަން ޖެހޭ ރާސްތާގައި ބާކީ އޮތީ 2.1 ކިލޯ މީޓަރެވެ.

މިޝަން ފެއިލްވުމާ އެކު އެ ސެންޓަރުގައި ތިއްބެވި އިންޖިނޭރުންނާ މުހާތަބު ކުރައްވައި ހިތްވަރު ދެއްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިއާގެ ސްޕޭސް ޕްރޮގްރާމްގައި މިއީ ވެސް ލިބުނު ކާމިޔާބެކެވެ. އަދި މިއީ ހަނދަށް ޖެއްސުމަށް އިންޑިއާއިން ދެކޭ ހުވަފެން ހަގީގަތަކަށް ހަނދަން ލިބުނު ހިތްވަރެއް ކަމަށެވެ.