ޕާކިސްތާން

ޕާކިސްތާންގެ ވައިގެ ސަރަހައްދުން އިންޑިއާގެ ރައީސް ދަތުރުކުރުން މަނާކޮށްފި

އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރުން މަނާވާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މެހެމޫދު ގުރައިޝީ ވިދާޅުވެއްޖެ އެވެ.

ޝާހު މެހެމޫދު ވިދާޅުވީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދު އައިސްލޭންޑަށް ކުރައްވަން އުޅުއްވި ދަތުރެއްގައި ޕާކިސްތާނު ވައިގެ ސަރަހައްދުން ބޭނުން ކުރަން އެދި ވަޑައިގަތުމުން އެކަން ނުކެރެވޭނެކަން އަންގާފައިވާނެ ކަމަށެވެ. އަދި ރާމް ނާތް ކޯވިންދަށް ހުއްދު ނުދޭން ނިންމީ ކަޝްމީރު މައްސަލައިގައި އިންޑިއާއިން ޕާކިސްތާނާ ދޭތެރޭ އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށެވެ.

އާންމު ގޮތެއްގައި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުން އަދި އެހެން އިސް ބޭފުޅުން ދަތުރު ކުރައްވާއިރު ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދެ އެވެ. ޕާކިސްތާނުގެ އެ ނިންމުމަށް އިންޑިއާއިން ރައްދުދީފައެއް ވެސް ނުވެ އެވެ.

ޕާކިސްތާނާއި އިންޑިއާ ދެމެދު ގުޅުން ގޯސްވެ، ޕާކިސްތާނުން ވަނީ އިންޑިއާގެ ހުރިހާ މަތިންދާބޯޓަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކޮށްފަ އެވެ. މަނާ ކުރުމުގެ ދުވަސްކޮޅެއް ކުރިން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގެ މަތިން ހަނގުރާމަވެރި މަތިންދާބޯޓު އުދުއްސާފަ އެވެ.

ވައިގެ ސަރަހައްދު ބޭނުން ކުރުން އިންޑިއާއަށް މަނާ ކުރުމުން، އެ ގައުމުން ބޭރަށް ކުރާ ދަތުރުތަކަށް ދަނީ ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ. އަދި ގިނަ އެއާލައިންތަކަށް ދަނީ ގެއްލުން ވަމުންނެވެ. ޕާކިސްތާނުން އިންޑިއާށް އަޅާފައިވާ މި ފިޔަވަޅު އުވާލާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.