ކާނާ

ކޮށާފައި ގިނައިރުވި ފިޔާ އެޅުމުން ކާނާ ވިހަވޭތަ؟

ސޯޝަލް މީޑިއާގައި މިހާރަކަށް އައިސް ގިނަ ބަޔަކު ކުރަމުންދާ ބަހުސެކެވެ. ކޮށާފަ ގިނައިރުވެފައި ހުންނަ ފިޔާ އަޅައިގެން ހަދާ ކާއެއްޗެހިން ކާނާ ވިހަވާ ވާހަކަ އެވެ. އެއްބަޔަކު މި ވާހަކައާ އެއްބަސްވާއިރު އަނެއް ބަޔަކު ބުނަނީ އެކަން އެގޮތަށް ނުވާނެ ކަމަށެވެ.

މި ބަހުސްގައި ދެކެވެމުންދާ ވާހަކަތަކަށް ނިއުޓްރިޝަނިސްޓަކު ވަނީ ޖަވާބު ދީފަ އެވެ. އޭނާ ބުނީ ފިޔާ ކޮށުން އެންމެ ރަނގަޅީ ކާ އެއްޗެތި ތައްޔާރު ކުރަންވީމާ ކަމަށެވެ. ނަމަވެސް ކޮށާފައި ގިނައިރު ބަހައްޓާފައި ހުންނަ ފިޔައިން ކާނާ ވިހަ ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ކޮށާފައި ހުންނަ ފިޔާ އައިސް އަލަމާރިއަށް ނުލާ ގިނައިރު ބެހެއްޓީމަ އޭގެ ތާޒާކަން ކެނޑޭނެ. އައިސް އަލަމާރިއަށް ލާފައި ބަހައްޓާނަމަ މައްސަލައެއް ދިމައެއް ނުވާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިޔާ ކޮށާފައި ފްރިޖްގައި ރަނގަޅަށް ރައްކާކުރިވިއްޖެނަމަ ހަފުތާއެއް ވިޔަސް އެ ފިޔާ ބޭނުން ކުރުމަކުން މައްސަލައެއް ދިމައެއް ނުވާނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ އެ ކާނާއެއް ތައްޔާރު ކުރަން ވުމުން އެ އެއްޗަކަށް އަޅަން ބޭނުންވާ މިންވަރަކަށް ފިޔާ ކޮށުމެވެ. ފިޔާ ނޫނަސް ރޯ ތަރުކާރީ ވެސް އެންމެ ރަނގަޅީ ކައްކަން ނުވަތަ ސަޓަނި ފަދަ ތަކެތި ހަދަން ވުމުން ރީތިކޮށް ދޮވެ ސާފު ކުރުމަށްފަހު ކޮށާލާފައި ވަގުތުން ބޭނުން ކުރުމެވެ.