އޭއެފްސީ ފުޓްސަލް އަދި ބީޗް ސޮކާ ކޮމިޓީ އަށް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލްޖަލީލް ހަމަޖައްސަފި އެވެ. މި ގޮތަށް ހަމަޖެއްސީ މިދިޔަ މަހު ބޭއްވި އޭއެފްސީ އެކްސޯ ބައްދަލުވުމުގަ އެވެ.
ވެލެންސިއާގެ ވައިސް ޗެއާމަންކަން ވެސް ކުރެއްވި ބައްސާމަކީ ކުލަބު ހިންގެވުމާއި ފުޓްބޯޅަ އެޑްމިނިސްޓްރޭޝަން ދާއިރާގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކުޅަދާނެ ބޭފުޅެކެވެ.
އޭނާގެ އިތުރުން ޔޫއޭއީގައި 2019 އަހަރު އޮންނަ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ އޮގަނައިޒިން ކޮމިޓީގައި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވަނީ ހިމަނައިފަ އެވެ.
މި ގޮތަށް ހަމަޖެއްސީ ވެސް މިދިޔަ މަހު ބޭއްވި އޭއެފްސީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝަވީދަކީ އޭއެފްސީ އެކްސްކޯ މެމްބަރެކެވެ.
އޭޝިއަން ކަޕް އޮގަނައިޒިން ކޮމިޓީގެ އިތުރުން އޭއެފްސީ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ވައިސް ޗެއާމަންގެ މަގާމު ވެސް ޝަވީދު އަދާކުރައްވާނެ އެވެ.
ޝަވީދުގެ އިތުރުން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ އެސިސްޓެންޓް މަރިޔަމް މުހައްމަދު (މާޔަން) ވަނީ އޭއެފްސީ ވުމަންސް ކޮމިޓީ އަށް ހަމަޖައްސާފަ އެވެ. އޭނާ އަކީ ގައުމީ އޮލިމްޕިކް ކޮމިޓީގެ އަންހެނުންގެ ކޮމިޝަނުގެ ވެސް މެމްބަރެކެވެ. މީގެ އިތުރުން އޭއެފްސީ އެޕީލް ކޮމިޓީ އަށް އެފްއޭއެމުގެ އެޕީލް ކޮމިޓީގެ އިބްރާހީމް ރިޒާ ވެސް ވަނީ ހަމަޖައްސައިފަ އެވެ.