ހަބަރު

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ބައިވެރިވާން ފަލަސްތީނުން ހުށަހަޅައިފި

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ހޯދުމަށް ފަލަސްތީނުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލުމުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ބައިވެރިވުމަށް ފަލަސްތީނުން ހުށަހަޅައިފި އެވެ.

އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ބެލުމުގައި ބާރު ލިބިފައިވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު(އައިސީސީ) ގެ މެމްބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބައިވެރިވާން ހުށަހެޅިކަމުގެ ލިޔުމުގައި އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް މިއަދު ވަނީ ސޮއި ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ފާޑު ކިޔައިފަ އެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަހްޔާހޫ ވިދާޅުވީ އެ ކޯޓުގައި އިޒްރޭލަށް އޮތް ބިރަށް ވުރެ ފަލަސްތީނަށް އޮތް ބިރު މާ ބޮޑުވާނެ ކަމަށާއި އެ ކޯޓުގައި ފަލަސްތީނު ފަޟީހަތްވާނެ ކަމަށެވެ. އިޒްރޭލުން އެކަމަށް ފާޑު ކިޔަމުން ދިޔަ ނަމަވެސް އެ ގައުމަކީ އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ.

އައިސީސީ ގައި ބައިވެރިވާން ފަލަސްތީނުން ހުށަހެޅި ހުށަހެޅުމާ އެކު މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ. ފަލަސްތީނަށް ނަން އޮބްޒާވާ ސްޓޭޓްގެ ދަރަޖަ 2012 ގައި އދ. އިން ދީފައިވާތީ އެ ހުށަހެޅުން އައިސީސީ އިން ބަލައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ހިފާފައިވާ ބިންތައް ދޫކޮށްލަންޖެހޭ ގޮތަށް ސަލާމަތީ މަޖިލީހަށް މި ހަފުތާގައި ހުށަހެޅި ގަރާރު ވަނީ ފާސްވާ ގޮތް ނުވެފަ އެވެ. އެ މަޖިލީހުން ގަރާރެއް ފާސްކުރަން މަދުވެގެން ނުވަ ވޯޓު ބޭނުންވާއިރު ފަލަސްތީނާ އެއްކޮޅަށް ލިބުނީ އަށް ވޯޓެވެ. އެކަމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާ އިން ވޯޓު ދިންއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ ހަތަރު ގައުމެއް ތިއްބެވެ.