ކީރިތި ގުރުއާން

ކީރިތި قرآن އާއި، ކީރިތި قرآن ގެ ތަރުޖަމާ

Sep 8, 2019
1

މާތްވެގެންވާ އިސްލާމްދީނަކީ، މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި މާތް ﷲ ބާވައިލައްވާފައިވާ ދީނެކެވެ. އެދީނާއިގެން، محمّد رسول ﷲ صلى ﷲ عليه وسلّم ފޮނުއްވާފައިވަނީ، عالم ތަކަށް رحمة އެއްގެ ގޮތުގައެވެ. އިސްލާމްދީނުގެ ހިދާޔަތާއި، ރިސާލަތު ހިމެނޭގޮތުން މާތް ﷲ ކީރިތި قرآن ބާވައިލައްވާފައިވަނީ، خالص عرب ބަހުންނެވެ. އިންސާނުންނަކީ، ތަފާތު ބަސްބަހުން ވާހަކަ ދައްކައި އުޅޭ ބަޔަކަށްވާތީ، ކީރިތި قرآن ގައިވާ މާތް ﷲ ގެ ހިދާޔަތު އެންމެހައި އިންސާނުންނަށް ވާސިލުކުރުމަށްޓަކައި، ކީރިތި قرآن އިންސާނުން ވާހަކަ ދައްކާ އުޅޭ އެހެން ބަސްބަހަށް ތަރުޖަމާ ކުރުމުގެ މުހިންމު ކަމަށްޓަކައި ވަރަށް ކުރިއްސުރެ ކީރިތި قرآن އެކި ބަސްބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް އެކި މީސްމީހުން ކޮށްފައިވެއެވެ.

ކީރިތި قرآن ގެ ފުރިހަމަ ތަރުޖަމާއެއް އެންމެ ފުރަތަމަ ކުރެވުނީ ފާރިސް ބަހަށް ކަމުގައިވެއެވެ. އެއީ، މީގެ ގާތްގަނޑަކަށް އެއްހާސް އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ އިނގިރޭސި ތަރުޖަމާއެއް ކުރެވިފައިވަނީ މީލާދީ 17 ވަނަ قَرْنُ ގެ މެދެއްހާ ތާނގައެވެ. އޭގެ ފަހުން ވަރަށް ގިނަ ތަރުޖަމާ ކުރެވިފައިވެއެވެ. ކީރތި قرآن ގެ ފުރިހަމަ ދިވެހި ތަރުޖަމާއެއް އެންމެ ފުރަތަމަ شائع ކުރެވުނީ، މަލިކުގައި ކަމަށް ވެއެވެ. އެއީ، الفاضل މަލިންގޭ حسين ދީދީ ކުރެއްވި ތަރުޖަމާއެކެވެ. އެ ތަރުޖަމާ شائع ކޮށްފައިވަނީ ހިޖްރީ 1382 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގައި قرآن ގެ ދިވެހި ތަރުޖަމާއެއް އެންމެ ފުރަތަމަ ޗާޕު ކުރެއްވީ 1 محرّم 1395ه ގައި ނޮވެލްޓީ ޕްރެސްއިންނެވެ. އެއީ، ދިވެހިރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ناصر ގެ އަމުރުފުޅަށް އޭރު ރާއްޖޭގައި ތިއްބެވި ނަންހުރި ފަސް علم ވެރިޔަކު ކުރެއްވި ތަރުޖަމާއެކެވެ. އޭގެފަހުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ مقام ގައި ހުރި ދުވަސްވަރު، ކީރިތި قرآن ގެ އާ ދިވެހި ތަރުޖަމާއެއް، މާތް ﷲ ގެ ވާގިފުޅާއެކު 2007 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން شائع ކުރީމެވެ. މި ތަރުޖަމާގެ މަސައްކަތްކޮށްދެއްވީ، ރާއްޖޭގައި ތިއްބެވި އެންމެ މޮޅު علم ވެރިންގެ ތެރެއިން ނުވަ ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުންނެވެ. މި ދެ ތަރުޖަމާގެ ތަފާތަކީ، ފުރަތަމަ ތަރުޖަމާއަކީ، ފަސް ބޭފުޅަކު، އެކިބައިތައް، ވަކިވަކިން، ކުރައްވާފައިވާ ތަރުޖަމާއަކަށްވާކަމެވެ. އަދި ދެވަނަ ތަރުޖަމާ ތައްޔާރު ކުރެއްވީ، ކޮމިޓީގެ ހުރިހާ ބޭފުޅުން އެއްތަނެއްގައި ތިއްބަވައިގެން މަޝްވަރާ ކުރައްވައިގެން ކަމަށްވާކަމެވެ.

ކީރިތި قرآن އާއި، ކީރިތި قرآن ގެ ތަރުޖަމާއަކީ، މުޅިން ތަފާތު ދޭއްޗެކެވެ. ކީރިތި قرآن ނިސްބަތްވަނީ، ﷲ سبحانه وتعالى އަށެވެ. قرآن ގެ ތަރުޖަމާ ނިސްބަތްވަނީ، އިންސާނުންނަށެވެ. ކީރިތި قرآن އަކީ، جبريل عليه السّلام މެދުވެރި ކުރައްވައި، محمّد رسول اللّه صلّى اللّه عليه وسلّم ގެ ހިތްޕުޅަށް މާތް ﷲ ބާވައިލެއްވި، އެކަލާނގެ حقّ ބަސްފުޅެވެ. އެބަސްފުޅު ބާވައިލެއްވީ، عرب ބަހުންނެވެ. قرآن ގެ ތަރުޖަމާއަކީ، އެ ތަރުޖަމާކުރާ އިންސާނެއްގެ ބުއްދިޔަށް، އެ އާޔަތެއްގެ މާނަ ވިސްނިފައިވާ ގޮތަކަށް، އޭނާގެ އަމިއްލަ ބަހުން، އޭނާގެ علمى ފެންވަރު ހުރި މިންވަރަކުން އަމިއްލަ ލަފުޒުތަކަކުން عبارة ކުރާ އެއްޗެކެވެ.

އެއްވެސް އެއްޗެއް އެއް ބަހަކުން އަނެއް ބަހަކަށް ތަރުޖަމާ ކުރުމަކީ، ފަސޭހަ ކަމެއް ނޫނެވެ. އެއީ ވަރަށް ގިނަ ވަގުތު ބޭނުންވާ ވަރަށް ބުރަ މަސައްކަތެކެވެ. ސަބަބަކީ، ޖުމްލައިގައި ލަފުޒުތައް ރާވާފައި ހުންނަ ގޮތާއި، އެކި ލަފުޒުތަކުން ދޭހަކޮށްދޭ حقيقى މާނައާއި، މަޖާޒީ މާނައާއި، ޖުމްލައިގައި ލަފުޒުތައް އިސްފަސް ކުރުމުން ނުކުންނަ މާނަ، އެއް ބަހަކުން އަނެއް ބަހަކަށް ވަރަށް ބޮޑަށް ތަފާތުވާކަމެވެ.

މިދެންނެވި ކަންކަން މިހެން ހުރުމާއެކު، ބައެއް މުފައްކިރުން ވިދާޅުވާގޮތުގައި، އެއްބަހަކުން ބުނެފައިވާ އެއްޗެއް، އެބަހަކުން ދޭހަކޮށްދޭ ހުރިހާ މާނައެއް ބަރާބަރަށް ދޭހަވާގޮތަށް އެހެން ބަހަކުން ތަރުޖަމާ ކުރުމަކީ، ކުރެވޭނެ ކަމެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި، ކުރެވޭނެހާވެސް ކަމަކީ، އެއްބަހަކުން ބުނެފައިވާ އެއްޗެއްގެ عامّ މާނަ ދޭހަވާގޮތަށް އަނެއް ބަހަކުން ބުނުމެވެ. މީގެއިތުރުން، ކީރިތި قرآن ގެ އާޔަތެއްގެ ނުވަތަ އާޔަތުން ބައެއްގެ މާނަ ފުރިހަމައަށް ދޭހަވާގޮތަށް ތަރުޖަމާ ކުރުމަށްޓަކައި، އެ އާޔަތުގައި ނުހިމެނޭ އިތުރު ލަފުޒު ބޭނުންކުރަން ޖެހޭތަން އާދެއެވެ. عرب ބަހުން ހުންނަ قرآن ތަފްސީރު ފޮތްފޮތުގައި ހުންނަނީ އެގޮތަށެވެ. އިނގިރޭސި ތަރުޖަމާތަކުގައި މިދެންނެވި ބޭނުމަށް ލިޔަންޖެހޭ އިތުރު ލަފުޒުތައް ބައެއް ފަހަރު ބުރަކެޓެއްގެ ތެރޭގައި ލިޔެފައި ހުރެއެވެ. އަނެއްބައިފަހަރު ބުރަކަޓެއްނެތި ލިޔެފައި ހުރެއެވެ. ދިވެހި ތަރުޖަމާގައި، ބައެއް ފަހަރު [އެބަހީ] އޭ ލިޔެފައި، އޭގެފަހަތުގައި ލިޔެފައި ހުރެއެވެ.

ކީރިތި قرآن ގެ ފުރިހަމަ މާނަ ދޭހަކޮށްދިނުމަށްޓަކައި، މިފަދަ ގޮތްތައް ބޭނުން ކުރަން ޖެހޭތީ، قرآن ގެ ތަރުޖަމާތަކަށް ބައެއް علم ވެރިން ވިދާޅުވަނީ، އެއީ قرآن ން ދޭހަވާ މާނައިގެ ތަރުޖަމާއެއް ކަމަށެވެ.

ކީރިތި قرآن އަކީ، މާތް ﷲ ގެ ކަލާމްފުޅު ކަމަށްވީތީ، އެއީ އެންމެ ފުރިހަމަ ގޮތުގައި إحترام ކުރަންޖެހޭ مقدّس އެއްޗެކެވެ. ކީރިތި قرآن ސިފަ ކުރައްވައި، މާތް ﷲ وحى ކުރައްވާފައިވެއެވެ. [ لاَ يَأْتِيهِ الْبَٰطِلُ مِن بَيْنِ يَدَيْهِ وَلاَ مِنْ خَلْفِهِ .] (فصّلت : 42) މާނައީ: [(އެއީ) އޭގެ ކުރިމަތިން ވެސް، އަދި އޭގެ ފަހަތުން ވެސް، އެއްވެސް باطل ކަމެއް ނާންނާނެ އެއްޗެކެވެ.] ކީރިތި قرآن ގެ ތަރުޖަމާއަކީ، ކޮންމެ ބަހަކުން ކުރިޔަސް، އަދި ކިތަންމެ މޮޅަކަށް، ކިތަންމެ ފުރިހަމަކޮށް ކުރިޔަސް، مقدّس އެއްޗެއް ނޫނެވެ.

ކީރިތި قرآن ކިޔެވުމަކީ، އޭގެ ޒާތުގައި ވެސް އަޅުކަމެކެވެ. ގިނަގުނަ ސަވާބު ލިބޭ ކަމެކެވެ. قرآن ގެ ތަރުޖަމާ ކިޔުމަކީ، ނުހަނު ފައިދާހުރި ކަމެކެވެ. އެހެންނަމަވެސް، އެއީ އޭގެ ޒާތުގައި އަޅުކަމެއް ނޫނެވެ. قرآن ކިޔެވުމަކީ، ނަމާދުގެ ރުކްނެކެވެ. فاتحة سورة ނުކިޔަވާ އެއްވެސް ނަމާދެއް صحّއެއް ނުވާނެއެވެ. قرآن ގެ ބަދަލުގައި، އޭގެ ތަރުޖަމާ ކިޔައިގެން، قرآن ކިޔެވުމުގެ ރުކުން ފުރިހަމައެއް ނުވާނެއެވެ. ނަމާދު صحّ އެއްވެސް ނުވާނެއެވެ.

ކީރިތި قرآن އަކީ، މާތް ﷲ ގެ ކަލާމްފުޅު ކަމަށްވާތީ، مُصْحَفُ ގައި (قرآن ފޮތުގައި) އަތްލުން، ނުވަތަ އެފޮތް އުފުލުން ހުއްދަވަނީ، ހަމައެކަނި ދެ حدث ން طاهر ވެ ހުރި މީހަކަށެވެ. ހަމައެކަނި قرآن ގެ ތަރުޖަމާ ލިޔެފައިވާ ފޮތެއްގައި އަތްލުމާއި، އެފޮތް އުފުލުމަކަށް މިދެންނެވި طهارة އެއް ބޭނުމެއް ނުވެއެވެ.

ކީރިތި قرآن އަކީ، މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ފުރަތަމަ، އަދި އެންމެ މަތިވެރި، އަދި އެންމެ ވަރުގަދަ مَصْدَر އެވެ. އެހެންކަމުން، އިސްލާމްދީނުގެ އެންމެ ވަރުގަދަ حجّةއަކީވެސް، ހަމަ ކީރިތި قرآن އެވެ. މިއީ، އެއްވެސް އޮޅުމެއްނެތް ގޮތުގައި ކަނޑައެޅި ބަޔާންވެގެންވާ حقيقة އެކެވެ.

شرعى ނަޒަރަކުން ބަލާއިރު، حجّة އަކީ، އެމައްޗަށް عمل ކުރުން ކަނޑައެޅިގެން ލާޒިމްވާގޮތަށް އައިސްފައިވާ شرعى ދަލީލެވެ. މިސާލަކީ، ކީރިތި قرآن ގައި އައިސްފައިވާ މާތް ﷲ ގެ ސާފުސީދާ صريح އަމުރުފުޅުތަކާއި، ނަހީތަކެވެ. ހަމައެފަދައިން، ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން، އެއްވެސް ޝައްކެއް އޮޅުމެއް ނެތްގޮތުގައި ވާރިދުވެފައިވާ صحّ حديث ފުޅުތަކެވެ. އެ حديث ފުޅު ތަކުގައި އައިސްފައިވާ ސާފުސީދާ، އޮޅުމެއްނެތް، صريح އަމުރުފުޅުތަކާއި، ނަހީތަކެވެ.

މިތާނގައި ވަރަށް މުހިންމު ނުކުތާއެއް ދަންނަވާލަން ބޭނުންވެއެވެ. މިގޮތުން ދަންނަވަމެވެ. ކީރިތި قرآن ގެ މާނައިގެ ތަރުޖަމާއިން، އެކިއެކި شرعى حكم ތައް ދެނެގަތުމާއި، އެކި ކަންކަމުގެ حجّة އެއްގެ ގޮތުގައި އެކިއެކި އާޔަތްތައް ބޭނުން ކުރަންވާނީ، އެފަދަ ފެންވަރަކަށް شرعى علم ތައް حاصل ކުރައްވާފައިވާ ބޭފުޅުންނެވެ. އެހެނީ، قرآن ގެ އާޔަތްތަކުގެ حقيقى މާނައާއި، މަޖާޒީ މާނައާއި، އޭގައި ހިމެނޭ عامّ حكم ތަކާއި، خاصّ حكم ތަކާއި، مُطْلَقُ حكم ތަކާއި، مُقَيَّدُ حكم ތައް ފަދަ ކަންކަން ރަނގަޅަށް އެނގުމަކާ ނުލައި، قرآن ގެ އެކިއެކި އާޔަތްތަކުގެ ފުރިހަމަ މާނައާއި، ދޭހަކޮށްދޭ حكم އާއި مقصد އެއްގޮތަކަށްވެސް އޮޅުން ނުފިލާނެތީއެވެ.

އެއްވެސް އިރަކު އަޅުގަނޑު ދީފައިވާ އިންޓަރވިއުއެއްގައި ކީރިތި قرآن އަކީ حجّةއެއް ނޫނޭ ބުނެފައެއް ނޯންނާނެއެވެ. އެހެންނަމަވެސް، ކީރިތި قرآن ގެ ތަރުޖަމާއަކީ حجّة އެއް ނޫނޭ ބުނެފައި ވާނެއެވެ. އެއީ، މީގެ 11 އަހަރު ކުރިން އަޅުގަނޑު ދީފައިވާ ޓީވީ އިންޓަރވިއުއެއްގައެވެ. އެ އިންޓަރވިއުގައި قرآن ގެ ތަރުޖަމާއަކީ حجّة އެއް ނޫނޭ ބުނުމުން، ބައެއް މީހުން އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އަޅުވަމުން އައިސްފައިވެއެވެ. އެ އިންޓަރވިއުގައި މާތް ﷲ ގެ ހެޔޮ رحمة ފުޅުން އަޅުގަނޑަށް އެބުނެވުނީ، حقيقة ގައިވެސް ހަމަ އެކަން އޮތް ގޮތަށެވެ. އެކަން މިލިޔުމުން ރަނގަޅަށް އޮޅުންފިލާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވައި އަވަސް އޮންލައިން ގައި ޝާއިއުކޮށް ދެއްވުމަށް އެދި ވަޑައިގެން އެ މަނިކުފާނު ފޮނުއްވި އެ މަނިކުފާނުގެ އަމިއްލަފުޅު އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއުކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ނުލަ އެވެ. މިއީ ކުރިން ނޫސްވެރިކަން ވެސް ކުރެއްވެވި އަދި ރާއްޖޭގެ ވަރަށް ގިނަ ނޫސްތަކަށާއި މަޖައްލާތަކަށް ލިޔުއްވައި ހެއްދެވި އިލްމުވެރިޔާގެ މަޒުމޫނެއް އަވަސް އޮންލައިންގައި ޝާއިއު ކުރާ ފުރަތަމަ ފަހަރެވެ.