މީގެ އެތައް ހާސް އަހަރެއްގެ ކުރިން، އޭރުގެ މިސުރުގެ ރަސްރަސްކަލުން ބިނާކުރައްވާފައިވާ ބޮޑެތި ބިޔަ އަހްރާމުތަކެއް މިސުރުގައި ހުރެއެވެ. އެތަންތަން ހިމެނެނީ، މިސުރުގެ އެންމެ މުހިންމު އާސާރީ ތަންތަން ކަމުގައެވެ. އޭގެތެރެއިން އެންމެ ބޮޑު އެންމެ އުސް ހަރަމަކީ، ދުނިޔޭގެ ހަތް އަޖައިބު ތެރެއިން އަޖައިބެއް ކަމުގައި ވަނީ ޤަބޫލު ކުރެވިފައެވެ. އެ ހަރަމުގެ ނަމަކީ، ހަރަމު ޚޫފޫ އެވެ. މާނައަކީ، ޚޫފޫ ނަމަކަށް ކިޔުނު މިސުރުގެ ފިރްޢައުނު ބިނާކުރެއްވި ހަރަމެވެ. [ފިރްޢައުން] އަކީ، އޭރުގެ މިސުރުގެ ރަސްރަސްކަލުންގެ ލަޤަބެވެ.
މިހަރަމުގެ އުސްމިނުގައި 146.6 މީޓަރު ހުރެއެވެ. އެ ހަރަމް ބިނާކޮށްފައި ވަނީ، ވަރަށް ބޮޑެތި ބިޔަ ހިލަތަކެއް ބޭނުން ކޮށްގެންނެވެ. އެހަރަމުގައި 2.6 މިލިޔަން ހިލަ ހުރެއެވެ. ކޮންމެ ހިލައެއްގެ ބޮޑުމިނުގައި 1 ކޮޑި މީޓަރު ހުރެއެވެ. ހަރަމުގެ ބުޑުގަނޑުގެ ބޭރުމިނުގައި 922 މީޓަރު ހުރެއެވެ. އޭގެ ވަށައިގެން ހިނގާ މީހަކަށް އެހިނގެނީ، އެއް ކީލޯމީޓަރުގެ ދުރުމިނަށެވެ. އޭގެ ބުޑުގަނޑުގެ އޭރިޔާގައި، 5.29 ހެކްޓަރ ހުރެއެވެ. އެހަރަމުގެ ސަޠްޙުގައި 53,055 އަކަމީޓަރު ހުރެއެވެ. މީގެ 4,500 އަހަރު ކުރިން އިންސާނުންގެ ބަޔަކު މިވަރުގެ ބޮޑު ބިނާއެއް ގާއިމް ކުރީ ކިހިނަކުންކަން ސައެންޓިސްޓުންނަށް ވަނީ ހޯދަން ދަތިވެފައެވެ. މިހެން މިކަން އޮއްވާ، ސީރިޔާގެ އިސްލާމީ މުފައްކިރަކު ކަމުގައިވާ ޑރ. ޢަބްދުއްދާއިމް އަލް ކަޙީލް، ކީރިތި ޤުރްއާނުން މިހަރަމު ބިނާކުރިގޮތް އެނގެން އޮތް ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ. އެވާހަކަފުޅުގެ ތަރުޖަމާ މިނޯޓާއެކު މިވަނީއެވެ. -- މައުމޫން ޢަބްދުލްޤައްޔޫމް
ކީރިތި ޤުރްއާނުގެ މުޢުޖިޒާތުގެ ތެރެއިން އަހްރާމު ބިނާކުރިގޮތް
ﷲ ތަބާރަކަ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. [ قُلْ أَنزَلَهُ الَّذِى يَعْلَمُ السِّرَّ فِى السَّمَـٰوَٰتِ وَالْأَرْضِ ؛ إِنَّهُ كَانَ غَفُورًا رَّحِيمًا .] (الفرقان : 6) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.]
މިޒަމާނުގައި މެނުވީ އަޅުގަނޑުމެންނަށް އޭގެ ސިއްރުތައް ހޯދިފައިނުވާ ޢިލްމީ ވަރަށް ގިނަ ޙަޤީޤަތްތަކެއް، ﷲ ތަބާރަކަ ވަތަޢާލާ ޤުރްއާނުން އަޅުގަނޑުމެންނަށް އަންގަވައި ބަޔާން ކޮށްދެއްވާފައި ވެއެވެ. މިއިން ހާމަވެގެންދާ ޙަޤީޤަތަކީ، ކީރިތި ޤުރްއާނަކީ ހުރިހާ ޒަމާނަކަށާއި ތަނަކަށް އޮތް ޢިލްމީ މުޢުޖިޒާތެއް ކަމެވެ.
ޤުރްއާން ބަޔާން ކޮށްދީފައިވާ ބޮޑެތި ސިއްރުތަކުގެ ތެރޭގައި މިސުރުގެ އަހްރާމުތައް ބިނާ ކުރެވުނު ގޮތުގެ ސިއްރު ވެއެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން މިސުރުގައި ވެރިކަން ކުރި ފިރްޢައުނުން މި ބޮޑެތި ބިޔަ ބިނާތައް ބިނާކުރީ ކިހިނެއް ހެއްޔެވެ؟ މިއީ އެތައް އަހަރެއް ވަންދެން ސައެންޓިސްޓުންނަށް ހޯދަން އުނދަގޫވެފައި އޮތް ސިއްރެކެވެ.
އަހްރާމުތައް ބިނާ ކުރިގޮތާ ބެހޭގޮތުން ތަފްސީރުތަކެއް ދެވޭތޯ ސައެންޓިސްޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެތައް ހާސް ކީލޯގްރާމެއްގެ ބަރުދަން ހުރި މި ހިލަތައް ސަތޭކަ މީޓަރަށް ވުރެ އުހަށް އުފުލީ ކިހިނެއް ހެއްޔެވެ؟
އެތާނގައި ހުރި އަހްރާމުތަކުގެ ތެރެއިން ޚޫފޫ ހަރަމަކީ 146 މީޓަރުގެ އުސް ހަރަމެކެވެ. މިހާ އުހަށް އެހާ ބަރު ބިޔަ ހިލަތަކެއް އުފުލީ ކިހިނެއް ހެއްޔެވެ؟ އެއް ހިލަ އަނެއް ހިލަ މަތީގައި ހަމަޖެހޭގޮތަށް ހިމުންކަމާއެކު ހުސްތަންކޮޅެއް ނެތި ބޭއްވުމަށްޓަކައި، މި ހިލަތަކުގެ ދަށްފުށް އެހާ ރީތިކޮށް ކޮށައި މަށައި އޮފުކުރީ ކިހިނެއް ހެއްޔެވެ؟ މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ސައެންޓިސްޓުން އެތައް ތިޔަރީތަކެއް ހުށައަޅާފައި ވެއެވެ. ބައެއް ސައެންޓިސްޓުން ބުނާގޮތުގައި އެ މަސައްކަތް ކުރީ ޢަމާލިޤުންގެ ބަޔެކެވެ. އަނެއްބައި މީހުން ބުނަނީ މި އަހްރާމުތައް ބިނާކުރީ ޖިންނީންނެވެ. މިކަހަލަ އެތައް ތިޔަރީތަކެކެވެ.
މިކަން މިގޮތަށް އޮއްވާ 21 ވަނަ ސައްތައިގައި، މީގެ މަދު އަހަރުތަކެއް ކުރިން އެމެރިކާގެ ސައެންޓިސްޓުންކޮޅެއް ވަނީ މި ސިއްރު ހޯދާފައެވެ. ބައެއް ސައެންޓިސްޓުން އެންމެ ބޮޑު ހަރަމުގެ ހިލަތަކުން ސާމްޕަލްތަކެއް ނަގައިގެން އެމެރިކާއަށް ގެންގޮސް، އިލެކްޓްރޯނިކް މައިކްރޮސްކޯޕް ބޭނުންކޮށްގެން ކުރި ތަޙްލީލުތަކުގެ ސަބަބުން މި ސިއްރު ހޯދިފައިވެއެވެ. މި މައިކްރޮސްކޯޕް ބޭނުންކޮށްގެން އެ ފޮޓޯތައް އެތައް ލައްކަގުނައަކަށް ބޮޑުކޮށްގެން ކުރި ތަޙްލީލުތަކުން، އެ ސައެންޓިސްޓުންނަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ދިޔައެވެ. މި ދިރާސާތަކުން އެނގުނު ގޮތުގައި، އެ ހިލަތަކަކީ ޠަބީޢީ ހިލަތަކެއް ނޫނެވެ. އެއީ އަތުން ހަދައިފައިވާ ހިލަތަކެކެވެ. މިހިލަތަކުގެ އެތެރޭގައި ޠަބީޢަތާ ޚިލާފު މިންވަރަކަށް ފެން ގިނައިން ހުރިކަމާއި، އެ ހިލަތަކުގެ ތެރޭގައި ވައިގެ ބޮކިތަކެއްވެސް ހުރިކަން ފާހަގަ ކުރެވުނެވެ. މި ބޮކިތަކުން އެނގޭގޮތުގައި، މި ހިލަތައް ހިކި ހަރުވެފައިވަނީ ވަރަށް އަވަހަށެވެ.
މި ދިގު ދިރާސާތަކުގެ ނަތީޖާތަކުން އެނގުނު ގޮތުގައި، ފިރްޢައުނުމެން މި އަހްރާމުތައް ބިނާކުރީ، ލަކުޑީގެ ތައްގަނޑުތަކެއް ހަދައިގެން، ކިސަޑު ބޭނުންކޮށްގެން ޚާއްޞަ ގަލެއް އަޅައިގެންނެވެ. މިގޮތަށް ގައު އެޅުމުން، ފިރްޢައުނުމެންނަށް އެމީހުން ބޭނުންވާ މިގާތަކުގައި ހުންނަންޖެހޭ ހަރުކަމާއި ގަދަކަން ކަށަވަރު ކުރެވުނެވެ. މި ދިރާސާތަކުން ސައެންޓިސްޓުންނަށް ދެ ޙަޤީޤަތަކާ ހަމައަށް ދެވުނެވެ. މި ދިރާސާތައް އެމެރިކާއާއި ޔޫރަޕްގެ މަޖައްލާތަކުގައި ވަނީ ޝާއިޢުކޮށްފައެވެ.
މި ދިރާސާތަކުގެ މައްޗަށް ބުރަވެތިބެ ހުޅަނގުގެ ޢިލްމުވެރިން ދެ ޙަޤީޤަތެއް ބަލައިގަތެވެ. ފުރަތަމަ ޙަޤީޤަތަކީ، އަހްރާމުތައް ބިނާކޮށްފައިވަނީ ކިސަޑުން ކަމެވެ. ދެވަނަ ޙަޤީޤަތަކީ، މި ހިލަތައް އުފެއްދުމަށްޓަކައި ފިރްޢައުނުން އަލިފާނުގެ ހޫނު ބޭނުންކުރި ކަމެވެ. އޭގެ މާނައަކީ، އެ ލަކުޑި ތައްގަނޑުތަކަށް އެމީހުން ކިސަޑު އޮއްސައި، އަލިފާނުގެ ހޫނުން އެ ކިސަޑުތައް ހިއްކީއެވެ. އެހެންވީމާ އެއްވެސް މީހަކަށް 5 ޓަނުގެ ހިލަގަނޑެއް އުފުލާކަށް ނުޖެހެއެވެ. މަސައްކަތުމީހާއަށް އުފުލަން ޖެހުނީ، ކިސަޑުކޮޅެކެވެ. މި ކިސަޑު ތައްގަނޑުތެރެއަށް އޮއްސަނީއެވެ. އެއަށްފަހު، މި ހިކެންދެން މަޑުކުރަނީއެވެ. ރަނގަޅަށް ހިކި ހަރުވުމުން، ދެން ޖެހުނު ގައު އަޅަނީއެވެ. މިގޮތަށް ގަލަކަށްފަހު ގަލެއް އަޅަމުން މަސައްކަތް ކުރިއަށް ގެންދަނީއެވެ. އަހްރާމު ބިނާކޮށް ނިންމައިލެވެންދެން އެގޮތަށް މަސައްކަތް ކުރިއަށް ގެންދިޔައީއެވެ.
މި ސިއްރު ކީރިތި ޤުރްއާނުގައި ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފައި އެބައޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. [ وَقَالَ فِرْعَوْنُ : يَــٰٓـأَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى ؛ فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى الطِّينِ ؛ فَاجْعَل لِّى صَرْحًا لَّعَلِّى أَطَّلِعُ إِلَىٰۤ إِلَـٰهِ مُوسَىٰ ؛ وَإِنِّى لَأَظُنُّهُ مِنَ الْكَـٰذِبِينَ .] (القصص : 38) މާނައީ: [فرعون ބުންޏެވެ. އޭ އަހުރެންގެ قوم ގެ ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަކަށް އެނގިފައެއް ނުވެތެވެ. އޭ هامان އެވެ! އަހުރެންނަށް، އަލިފާން ބޭނުންކޮށްގެން މަށިން ގައުއަޅައި ދޭށެވެ! އަދި އަހުރެންނަށް އުސް ބިނާއެއް ތައްޔާރުކޮށްދޭށެވެ! (އެއީ) މޫސާގެފާނުންގެ އިލާހު އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އޭނާވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.]
މި ބަސްފުޅުން އެނގޭ ގޮތުގައި، ފިރްޢައުނު އޭނާގެ ވަޒީރަށް މިފަދަ އުސް ބިނާތައް ބިނާކުރުމަށް ބޭނުންކުރާނެ ޓެކްނޮލޮޖީގެ ޚަބަރު މިވަނީ ދީފައެވެ. އެއީ އަހްރާމުތައް ފަދަ އުސް ބިނާތަކުގެ ވާހަކައެވެ. ފިރްޢައުނު އޭނަގެ ވަޒީރު ހާމާނަށް މި އަމުރުކުރަނީ [ فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى الطِّينِ ] މި އުސްބިނާ ހެދުމަށްޓަކައި އަލިފާނާއި ކިސަޑު ބޭނުން ކުރާށެވެ. މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ! އެތައް ހާސް އަހަރެއް ވަންދެން އޮތް މި ސިއްރު އެމެރިކާގެ ސައެންޓިސްޓުންގެ ބަޔަކަށް އެނގުނީ މީގެ މަދު އަހަރުކޮޅެއްގެ ކުރިންނެވެ. އެހެނެއްކަމަކު، މި ސިއްރު މީގެ 14 ސައްތަ އަހަރު ކުރިން ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ވަނީ ހާމަކޮށްދެއްވާފައެވެ. މިއީ މި ޤުރްއާނުގެ މަތިވެރިކަން ނޫންތޯއެވެ؟
وَءَاخِرُ دَعْوَانَا أَنِ الْحَمْدُ ﷲ رَبِّ الْعَٰلَمِينَ. އަދި އަހުރެމެންގެ دعاء ގެ ނިންމުމަކީ، [ الحمد ﷲ رب العالمين ] އެވެ. حمد ހުރީ عالم ތަކުގެ ވެރި ﷲ އަށެވެ.