އެޑިޓަރުގެ ނޯޓް: މިއީ އަވަސް އޮންލައިން ގައި ޝާއިއު ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ އެ މަނިކުފާނުގެ އަމިއްލަފުޅު އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއުކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ނުލަ އެވެ.
ﷲ سبحانه وتعالى ގެ ކުޅަދުންވަންތަކަމުގެ ތެރެއިން ލައްވާފައިވާ މި ބިޔަ ބޮޑު ކައުނުގެ ކުޑަކުޑަ ތަންކޮޅެއްގައި ދިރިއުޅެމުންދާ އިންސާނުންނަށް ކުރިމަތިވާ ނުވަތަ ތަޖުރިބާ ކުރަންޖެހޭ ބިންހެލުންތަކާއި، ޠޫފާނުތަކާއި، ސުނާމީތަކާއި، އަލިފާން ފަރުބަދަތައް ގޮވުމާއި، ފެންބޮޑުވުންތަކާއި، ހޫނުގަދަވެ ބިންގަނޑު ހަނަފަސްވުމާއި، މިނޫންވެސް ޤުދްރަތީ ކާރިސާތަކަކީ، މާތް ﷲ މި ކައުނުގައި ލައްވާފައިވާ އެކިއެކި ކައުނީ ބާރުތައް ހިނގަމުންދާގޮތުން ދިމާވާ ކަންތައްތަކެކެވެ. މިއިން އެއްވެސް ކަމަކީ، މާތް ﷲ ލައްވާ ކޯފާއެއް ކަމުގައި ބުނާނެ ޝަރްޢީ ނުވަތަ ބުއްދީގެ ދަލީލެއް ނެތެވެ. އެހެންކަމުން، މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހާއި، އެވައިރަސްގެ ސަބަބުން ޖެހޭ ކޯވިޑް-19 އަކީވެސް، މާތް ﷲ ލައްވާ ކޯފާއެއް ނޫނެވެ.
އިންސާނުން ދުންޔަވީ ޙަޔާތުގައި ކުރާ ޢަމަލުތަކުގެ ހިސާބު ބައްލަވައި، ހެޔޮ ޢަމަލަށް ހެޔޮ ޖަޒާ، ނުބައި ޢަމަލަށް ނުބައި ޖަޒާ ދެއްވާ ދުވަހަކީ، ޢާޚިރަތް ދުވަހެވެ. ހިސާބު ބެއްލެވުމަށްފަހު އޮންނާނީ ސުވަރުގެއެވެ. ނުވަތަ ނަރަކައެވެ. މިކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿ ٱلْقَارِعَةُ . مَا ٱلْقَارِعَةُ. وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ . يَوْمَ يَكُونُ ٱلنَّاسُ كَـٱلْفَرَاشِ ٱلْمَبْثُوثِ . وَتَكُونُ ٱلْـجِبَالُ كَـٱلْعِهْنِ ٱلْمَنفُوشِ . فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ . فَهُوَ فِى عِيشَةٍ رَّاضِيَةٍ . وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ . فَأُمُّهُۥ هَاوِيَةٌ . وَمَآ أَدْرَىٰكَ مَا هِيَهْ . نَارٌ حَامِيَةٌۢ ﴾ (القارعة : 1 - 11) މާނައީ: [ބިރުވެރިކަންބޮޑު ޤިޔާމަތް ދުވަހެވެ. ބިރުވެރިކަންބޮޑު ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ އަދި ބިރުވެރިކަންބޮޑު ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯ އެވެ؟ ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ. އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ! ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ. އަދި އެއީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.]
އިސްވެދިޔަ ޒަމާންތަކުގައި، ނޫޙުގެފާނުގެ ޤައުމު ފަދަ، ނުވަތަ ލޫޠުގެފާނުގެ ޤައުމު ފަދަ، ނުވަތަ ފިރްޢައުނުގެ ޤައުމު ފަދަ، ނުވަތަ ޢާދު ބާގައިގެ މީހުންނާއި، ޘަމޫދު ބާގައިގެ މީހުން ފަދަ އެކި ޤައުމުތަކުގެ މީހުން ކުރަމުން ގެންދިޔަ ބޮޑެތި ފާފަތަކާއި މުންކަރާތުތަކުގެ ސަބަބުން، މިދުނިޔެމަތީގައި އެޤައުމުތަކަށް މާތް ﷲ ލެއްވި ކޯފާގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. އެހެންނަމަވެސް، އެއަށްފަހު، މީސްތަކުން ކުރާ ފާފަތަކަށް ޙައްޤުވާ ޢިޤާބް މިދުނިޔެމަތީގައި ނުދެއްވާނެކަން އަންގަވައި، މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًا وَأَجَلٌ مُّسَمًّى ﴾ (طه : 129) މާނައީ: [ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (އެއުރެންނަށް ޢަޒާބު ލަސްކުރެއްވުމުގެ) ކަލިމަފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެއުރެންނަށް ދުނިޔެމަތީގައި) ޢަޒާބު ދެއްވުން ލާޒިމް ވެއްޖައީހެވެ.]
މިއާޔަތުން އެނގޭގޮތުގައި، މީސްތަކުންގެ ޢަމަލުތަކަށް ސަވާބު ދެއްވުމާއި ޢިޤާބް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ފަހުން އަންނާނެ ވަކި ދުވަހެއް ނެތްނަމަ، އެބައިމީހުންގެ ޢަޒާބު އަވަސް ކުރެއްވީހެވެ. އެހެންނަމަވެސް، އެފަދަ ދުވަހެއް ފަހުން އަންނާނެތީ، އެބަހީ ޤިޔާމަތް ދުވަސް އަންނާނެތީ، މިދުނިޔެމަތީގައި ޢަޒާބު ނުދެއްވައި، އެދުވަހަކަށް އެކަން ލަސްކުރެއްވުމަށް މާތް ﷲ އިރާދަކުރައްވައި، ކަނޑައެޅުއްވީއެވެ.
މިއާޔަތުގައި އިޝާރާތް ކުރައްވާ މާތް ﷲ ގެ ކަލިމަފުޅަކީ، އިބްރާހީމް ސޫރަތުގެ 42 ވަނަ އާޔަތުގައި އެވަނީކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއާޔަތުގައި މާތް اللّه ވަޙީ ކުރައްވާފައިވެއެވެ. ﴿ وَلَا تـَحْسَبَنَّ ٱللَّهَ غَــٰـفِلًا عَمَّا يَعْمَلُ ٱلظَّــٰـلِمُونَ ۚ إِنَّـمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰـرُ ﴾ މާނައީ: [އަނިޔާވެރިންކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.]
އުފަލުގައި ހިތްހަމަޖެހިލައިގެން އުޅެވޭނެ ދުވަސްތަކަކާއި، ބޮޑެތި ދަތިތަކާއި ހިތާމަތަކާ ކުރިމަތިލާން ޖެހޭނެ ދުވަސްތަކެއް ދުނިޔޭގައި އަންނާނެއެވެ. އެއީ ދުނިޔޭގެ ޠަބީޢަތެވެ. އެހެންނަމަވެސް، ކޮންމެ ދަތިކަމަކަށްފަހު، ލުޔެއް އަންނާނެކަމުގެ ވަޢްދު ބަސްފުޅުވެސް ކީރިތި ޤުރްއާނުގައިވެއެވެ. ﴿ فَإِنَّ مَعَ ٱلْعُسْرِ يُسْرًا . إِنَّ مَعَ ٱلْعُسْرِ يُسْرًا ﴾ (الشّرح : 5 - 6) މާނައީ: [ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.]
މާތް اللّه ވަޙީ ކުރެއްވިއެވެ. ﴿ وَلَنَبْلُوَنَّـكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلـْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰـبِرِينَ ﴾ (البقرة : 155) މާނައީ: [ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިނޫހުނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!]
ހިތްދަތިކަމާއި ވޭން ތަޙަންމުލު ކުރުމަކީ، އިންސާނާއަށް ލިބޭ ވަރުގަދަ ތަރްބިޔަތެކެވެ. މީހާގެ ކެތްތެރިކަމާއި ސާބިތުކަން އިތުރުވެ، އެއަށްވުރެ ބޮޑެތި ދަތިތަކާއި ވޭންތައް ތަޙަންމުލު ކުރުމަށް ބޭނުންވާ ނަފްސާނީ ބާރު އިންސާނާއަށް ލިބިދޭ ކަމެއް މެއެވެ. އަދި އަމުދުން މުޅި ޖަމާޢަތަށް ނުވަތަ މުޅި ދުނިޔެއަށް ދިމާވާ ބޮޑެތި ކަންތައްތަކަކީ، އެކަންތައްތައް ތަޙަންމުލުކޮށް، އެކަންތައްތަކުގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، އެންމެން އެއްބައިވެ، އެކަތިގަނޑަށް ވުމަށްވެސް ލިބޭ ވަރަށް އަގުހުރި ފުރުޞަތުތަކެކެވެ. އަދި އެއީ، އިންސާނާގެ ކިބައިގައިވާ އެންމެ ހަރުދަނާ އެންމެ ރަނގަޅު ސިފަތައް ކުރިޔަށް ނެރެދެވޭނެ ކަމެއްވެސް މެއެވެ.
އެކިއެކި ރޯގާތަކާއި ވަބާތަކަކީ، މާތް ﷲ ގެ ކޯފާ ކަމުގައި ބަލައިގެން ތިބުމުގެ އެންމެ ބޮޑު ނުރައްކަލަކީ، އެކަންކަމުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ޙަޤީޤީ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަވުމެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް ނުވަތަ ސަބަބުތަކެއް ލައްވާފައިވެއެވެ. ސަބަބުތަކުގައި ހިފުމަށްވަނީ ދީނުގައި އަންގަވާފައެވެ. މިގޮތުން، ބަލިބަލިން ރައްކާތެރިވުމަށް ކީރިތި ރަސޫލު ﷲ ވަނީ މުޅި އުންމަތަށް އަންގަވާފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ﴿ مَا أَنزَلَ اللّٰهُ دَاءً إِلَّا وَأَنزَلَ مَعَهُ دَوَاءً ، فَتَدَاوَواْ ﴾ މާނައީ: [އެބައްޔެއްގެ ބޭސް ބާވައިނުލައްވައި، އެއްވެސް ބައްޔެއް މާތް ﷲ ބާވައެއް ނުލައްވައެވެ. ފަހެ، ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ!]
އަދިވެސް ޙަދީސް ކުރެއްވިއެވެ. [އެއްވެސް ތަނެއްގައި ޠާޢޫން ބަލި އުޅޭކަމުގެ ޚަބަރު ތިޔަބައިމީހުން އަހައިފިނަމަ، އެތަނަކަށް ތިޔަބައިމީހުން ނުދާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެބަލި ފެށިއްޖެނަމަ، ތިޔަބައިމީހުން ތިބި ތަނުން ނުނިކުންނަ ހުށިކަމެވެ!]
އެހެންކަމުން، މިދެންނެވި ޝަރްޢީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މިހާރު ފެތުރެމުންމިދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ޞިއްޙީ މާހިރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރްޝާދުތައް ކަނުލައި އަހައި، އެ އިރްޝާދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމެވެ. އަދި އެއީ، ހަމަ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމަށް ޤަބޫލު ކުރުމެވެ. ހަމައެއާއެކު، މިނުރައްކާތެރި ވަބާއިންނާއި، އެހެނިހެން ނުރައްކާތަކުން ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވުން އެދި، މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީވެސް، އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿ وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴾ (غافر : 60) މާނައީ: [އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ.]
ސަބަބުތަކުގައި ހިފުން ލާޒިމްވާކަމުގެ ވަރަށް ފުރިހަމަ ދަލީލެއް އަންނަނިވި ޙަދީސްގައިވެއެވެ. އެއްދުވަހަކު ޞަޙާބީ ބޭކަލަކު ޖަމަލަކަށް ސަވާރުވެވަޑައިގެން ކީރިތި ރަސޫލާގެ މިސްކިތަށް ވަޑައިގަތެވެ. ޖަމަލުން ފައިބައިވަޑައިގެންފައި، ކީރިތި ރަސޫލާގެ އަރިހުގައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މާތް ﷲ އަށް ވަކީލުކުރައްވާފައި، މި ޖަމަލު ނުބަންނަވައި ދޫކޮށްލައްވާފައި މިސްކިތަށް ވެދެވަޑައިގަތަސް، ތިމަން ކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގަންނަވަންދެން، އެ ޖަމަލު އޮންނާނެތޯއެވެ؟ ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. އެ ޖަމަލު ބަންނަވާށެވެ! ބަންނަވާފައި، ވަކީލު ކުރައްވާށެވެ! އޭރުން، އެ ޖަމަލު އޮތްތާނގައި އޮންނާނެއެވެ. މި ޙަދީސް ރިވާކުރެއްވީ، މާތް ﷲ ރުއްސުންލެއްވި އަނަސުބްނުމާލިކްއެވެ.
ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން މިހާ ފާޅުކަންބޮޑު ގޮތެއްގައި މާތް ނަބިއްޔާ އަންގަވާފައިވުމާއެކު، އަޅުގަނޑުމެންގެ މައްޗަށްވެސް ވާޖިބު ވެގެންވަނީ، ކޮންމެ ޙާލަތެއްގައިވެސް [ޖަމަލު ބަނުމެވެ.] އެއަށްފަހު މާތް ﷲ އަށް ވަކީލު ކުރުމެވެ. އެކަލާނގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއި ޚުޝޫޢަވެރިކަމާއެކު ދުޢާ ދެންނެވުމެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿ قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾ (التّوبة : 51) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް (ޓަކައި، ކަނޑައަޅުއްވައި) ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލު ކުރާހުށިކަމެވެ!]
މާތް ﷲ އަޅުގަނޑުގެ މައްޗަށް ކަމެއް ލިޔުއްވުމުގެ މާނައަކީ، ކުރިންވެސް ދެންނެވި ފަދައިން، މިކައުނުގައި ހިނގަމުންދާ އިލާހީ ޤާނޫނުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރިމަތިވާ ނުވަތަ ތަޖްރިބާ ކުރަންޖެހޭ ކަންތައްތަކެވެ. އެއީ މާތް ﷲ ދެއްވާ ޢިޤާބެއް ނޫނެވެ.
މާތް ﷲ ކޯވިޑް-19 އާއި އެފަދަ ނުރައްކާތެރި ބަލިބަލިންނާއި ވަބާތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވައި، ރައްކާތެރި ކުރައްވާށިއެވެ! އަދި ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި އަޅަމެން ލަހައްޓަވައި، މުޅި ޤައުމަށް ހަމަޖެހޭ އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ! އާމީން.