ރިސޯޓް

ވ. ކުނާވަށީގައި ހަދާ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

Sep 9, 2019

ވ. ކުނާވަށީގައި ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏެއް ގުޅިގެން ތަރައްގީ ކުރާ، ރިސޯޓު އަންނަ އަހަރު ހުޅުވާނެ އެވެ.

ރާއްޖޭގެ އެންމެ ރީތި އެއް އަތޮޅު ކަމަށްވާ ވ. އަތޮޅުގައި އޮތް މި ރަށް ތަރައްގީ ކުރަނީ ދިވެހި ކުންފުންޏަކާއި ޗައިނާގެ ގުއަންޑޮންގް ބީޓާ އޯޝަން ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ސީޖޭއެލް އިންވެސްޓްމަންޓް އިންނެވެ.

"ޓޮލާނޯ މޯލްޑިވްސް ކުނާވަށި" ގެ ނަމުގައި ބްރޭންޑް ކޮށްފައިވާ މި ރަށުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި ރަށް ނިންމައި 2016 ގައި ހުޅުވާނެ ކަމަށް ކުރިން ބުނި ނަމަވެސް ރަށް ނުހުޅުވި ވަނީ ލަސްވީ އެވެ.

ކުނާވަށީގައި ހަދާ ރިސޯޓު މެނޭޖުކޮށް ބަލަހައްޓާނީ، އޮސްޓްރޭލިއާގެ ހޮޓެލް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ "ލަ ވީ ހޮޓެލްސް އެންޑް ރިސޯޓްސް" ގްރޫޕުންނެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 15 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ކުނާވަށީގައި ހަދާ ރިސޯޓުގައި 72 ކޮޓަރި ހުރެ އެވެ.