އދ. ގެ 74 ވަނަ އާންމު މަޖިލީސްގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާއިރު ދިވެހި ބަހުން ތަގުރީރު ކުރެއްވުމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އެދިވަޑައިގެންފި އެވެ. އޭނާ އެ ގޮތަށް އެދިވަޑައިގަތުމުން ސޯޝަލް މީޑިއާގައިވަނީ ބޮޑު ބަހުސެއް ވެސް ފެށިފައެވެ.
އދ. ގެ 74 ވަނަ އާންމު މަޖިލީސް އޮންނާނީ މި މަހުގެ 17 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަހަރަކު އެއް ފަހަރު ބާއްވާ އާންމު މަޖިލީހުގައި ގައުމުތަކުގެ ލީޑަރުން ބަހުސް ކުރައްވަނީ ބައިނަލްއަގްވާމީ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުންނެވެ.
އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ ހަ އަހަރު ވެއްޖެ އެވެ. މިދިޔަ ހަ އަހަރުގެ ތެރޭ ރައްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވާފައި ނުވާއިރު، މި އަހަރުގެ އދ. އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރާއްޖޭގެ ހަތް ވަނަ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސަށް އިލްތިމާސް ކުރައްވަމުން އަޝްރަފް ވިދާޅުވީ އދ. ގެ މަޖިލީހުގައި ރައީސް ސޯލިހް، ދިިވެހިބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނޭ ކަމަކަށް ކަމަށެވެ. އަދި ދިވެހީންނަށްޓަކައި ދިވެހީންގެ އަޑު ދިވެހީންގެ ބަހުން އުފުއްލަވައި ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
އަޝްރަފްގެ މި ވާހަކައަށް ބައެއް މީހުން ތާއީދު ކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާކަން ހާމަ ކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި އެކަމުގެ ބަހުސް މިހާރު ވަނީ ފެށިފަ އެވެ.
އދ. ގައި ދިވެހި ބަހުން ތަގުރީރު ކުރެއްވުމާ ދެކޮޅަށް ޝުއޫރުފާޅުކުރި ބައެއް މީހުން ބުނީ "ރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް އެހެން ގައުމުތަކަށް އަންގައި ދެވޭނީ އިނގިރޭސި ބަހުން" ތަގުރީރު ކުރެއްވުމުން ކަމަށެވެ.
އެންމެ ފަހުން އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ކުރެއްވީ 2014 ވަނަ އަހަރުގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު ވެސް އދ. ގައި ތަގުރީރު ކުރެއްވި އެވެ. އެއީ 2012 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ މަނިކުފާނު ވަޑައި ނުގެން އެ މަޖިލީހުގައި އެ މަނިކުފާނުގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ އޭރުގެ އެކްޓިން ފޮރިން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.