އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް، 4 ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.
އޭސީސީއަށް މިއަދު އައްޔަންކޮށްފައިވަނީ، ގަލޮޅު ވަޑިނޮޅުގޭ ފާތިމަތު އަނޫލާ, އައްޑުއަތޮޅު ހިތަދޫ ނެދުންގެ، މަރްޔަމް ޝިއުނާ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ، އާއިޝަތު ޢަބްދުﷲ، އަދި ދަފްތަރު ނަންބަރު ރސ އަލީ އަޝްރަފެވެ.
މި ބޭފުޅުންގެ ތެރެއިން ފާތިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.
ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި އާއިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އާއިޝަތު އަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވި އަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.
މިއަދު އޭސީސީއަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަޖިލީހުން ރުހުންދީފައިވަނީ އޮގަސްޓް މަހުގެ 7ވަނަ ދުވަހުއެވެ.