އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހިމެޑަލް ހޯދައިފި އެވެ.
ސާއިދަށްވުރެ ކުރިން މި ރޭސް ނިންމީ އޭނާއާއެކު ޖެމެއިކާގެ ހައިޕާފޯމަންސް ސެންޓަރުގައި ތަމްރީނު ހެދި މޮރިޝަސްގެ ދުވުންތެރިއެކެވެ. 100 މީޓަރު ދުވުމުގައި އޭނާ ދިޔައީ ސާއިދަށްވުރެ ފަހަތަށެވެ.
200 މީޓަރު ދުވުން ސާއިދު ނިންމީ 21:08 ސިކުންތުންނެވެ. މިއީ މި އަހަރު ޗައިނާގައި އޮތް އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި އޭނާ މި ރޭސް ނިންމު ވަގުތަށްވުރެ 11 ސިކުންތު އަވަސް ވަގުތެކެވެ.
ސާއިދު ފައިނަލަށް ދިޔައީ މިއަދު އޮތް މި އިވެންޓްގެ ސެމީ ފައިނަލުގައި ވެސް ދެ ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ. އޭނާ ރޭސް ނިންމީ 21:67 ސިކުންތުންނެވެ.
މި މަހުގެ 1-އިން 8 އަށް ރިޔޫނިއަންގައި ކުރިއަށްދޭ ގޭމްސްގައި އޭނާ ވަނީ 100 މީޓަރު ދުވުމުން ރަންމެޑަލް ހާސިލްކޮށްފަ އެވެ. މިއީ ރާއްޖޭގެ އެތްލީޓަކު ބައިނަލް އަގްވާމީ މުބާރާތަކުން މެޑެއްޔެއް ހޯދި ފުރަތަމަ ފަހަރެވެ.
އަންހެނުންގެ 200 މީޓަރުގައި ދުވި ރާއްޖޭގެ އަފާ އިސްމާއީލް ދިޔައި އަށްވަނަ އަށެވެ. މި ރޭހުގެ ސެމީފައިނަލުގައި މިއަދު ހެނދުނު އޭނާ ގައުމީ ރެކޯޑް ހެދި ނަމަވެސް ފައިނަލް ރޭސް ފެށިފަހުން އޭނާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރޭސް ނިމުމާއެކު ޓްރެކުން އޭނާ ބޭލީ އަށިގަނޑުގަ އެވެ. އެކަމަކު ހެނދުނަށްވުރެ އަވަހަށް އޭނާ ފައިނަލް ރޭސްވެސް ނިންމި އެވެ. އެއީ 26:07 ސިކުންތުންނެވެ.