ހަބަރު

މަޖިލީހުގެ ހާޒިރީގެ ފުލަށް މިފަހަރުވެސް އަހުމަދު ސިޔާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވެފައިވަނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.

މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ފެށި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެ ޖަލްސާތަކަށް މެންބަރުން ހާޒިރުވި ގޮތުގެ ތަފްސީލް ހިމެނޭ ހާޒިރީ ރިޕޯޓް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓްގައި ވާގޮތުން އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވެފައިވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ. މި ދައުރުގައި ސިޔާމް ވަޑައިގެންފައިވަނީ 16 ޖަލްސާއަކަށެވެ. 31 ޖަލްސާއަކަށް ވަޑައިގެންފައެއް ނުވެއެވެ. ސިޔާމްގެ ފަހަތުން ދެން އެންމެ މަދުން ޖަލްސާއަށް ހާޒިރުވެފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް 9 ޖަލްސާއަކަށް ވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ހާޒިރީ ރިޕޯޓުން ދައްކައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ ރެކޯޑް އަދަދަކަށް ޖަލްސާ ބޭއްވުނު ދައުރެކެވެ. އަދި މިފަހުން ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހަކީވެސް 19ވަނަ މަޖިލީހެވެ.

ނިމިދިޔަ ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް 35 މެންބަރުން ވަނީ ހާޒިރުވެފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށައެޅުނު ކަންކަމުގެ ތެރެއިން 70 ޕަސެންޓް މަސައްކަތް އެ މަޖިލީހުން ވަނީ ނިންމާފައެވެ.

ނިމުނު ދައުރުގައި ކުރެވުނު މަސައްކަތްތައް

  • 31 ބިލެއް ހުށައަޅާ 14 ބިލެއްގެ މަސައްކަތް ނިންމި
  • 21 ގަރާރެއް ހުށައަޅާ 9 ގަރާރެއްގެ މަސައްކަތް ނިންމި
  • ސަރުކާރުގެ ފަރާތުން ހުށައެޅި 15 މައްސަލައިގެ ތެރެއިން 12 މައްސަލަ ނިންމި
  • ރިޔާސަތުން ހުށައެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލަ ނިންމި
  • މެންބަރުން ހުށައެޅި 9 މައްސަލަ ނިންމި
  • 14 ސުވާލެއް ވަޒީރުންނާ ކުރެއްވި
  • ޖުމްލަ 161 މައްސަލައެއް ނިންމި

މަޖިލީހުގެ މެންބަރުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ކޮމެޓީ މަރުހަލާގައި ކަމަށްވާއިރު، މި ދައުރުގައި ވަނީ 466 ކޮމެޓީ ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުންތަކަށް މެންބަރުން ވަނީ 548 ގަޑިއިރާއި 23 މިނެޓް ހޭދަ ކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.