މަޑަގަސްކަރަ އަތުން 4-0 އިން ބަލިވެ، އިންޑިއަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލަށް ނުގޮސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިރޭ ކަޓައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މަޔޯއްޓޭ އަތުން 3-1 އިން ބަލިވެ، ދެ ވަނަ މެޗުގައި އަދި ދެ ވަނަ
މެޗުގައި 1-2 އިން މޮޅުވި ރާއްޖެ އަށް މެޗު ފެށުނުއިރު ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު އޮތެވެ. އެކަމަކު މުބާރާތުން ކެޓީ މި މެޗުން މޮޅުވެގެން މަޑަގަސްކަރަ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު މެޗު ފެށިއިރު ވެސް މަޔޯއްޓޭ އަށް ހަތަރު ޕޮއިންޓް ލިބިފައިވާތީ އެވެ.
މިރޭގެ މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ މަޑަގަސްކަރަ އެވެ. އެ ޓީމުން ރާއްޖެ ކޮޅަށް މެޗުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ތެރޭގައި ދެ ޓީމުގެ ކުޅުންތެރިން ބޮނޑިވެގެން ތިއްބާ އޮންރީ ޗާލްސް އެވެ. މި ލަނޑުގެ ކުރިން މަޑަގަސްކަރަ ވަނީ މުޅިން ހުސްކޮށް ލިބުނު ދެ ފުރުސަތު ނަގާލައިފަ އެވެ.
ރާއްޖެ ކޮޅަށް އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން ފުރަތަމަ މިނިޓްގަ އެވެ. މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި ރިލްވާން ވަހީދު (ކަކާރިލޭ) އަދި އަހުމަދު އިމާޒް (އާއްކޮ)ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ހިމަނައިގެން ފަހު ހާފު ފެށި ރާއްޖެ އަށް މި ހާފުގައި މާބޮޑު ހިތްވަރެއް ނުދެއްކުނެވެ.
ރާއްޖޭގެ ގޯލު ދަނޑީގައި ވެސް މެޗުގެ 64 ވަނަ މިނިޓްގައި މަޑަގަސްކަރައިން ފޮނުވާލި ބޯޅައެއް ޖެހުނުއިރު އެ ޓީމުގެ ކުޅުންތެރިއަކަށް މުހައްމަދު ޝިފާން (ކުޑައްޓޭ) ފައުލްކުރުމުން ލިބުނު ޕެނަލްޓީ އެ ގައުމުން ފޮނުވާލީ ހުރަސް ދަނޑިމަތިންނެވެ.
މަޑަގަސްކަރަ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ޖެހީ ފަހު ހާފުގެ ފަހު ބައިގެ ތެރޭގަ އެވެ. އޭގެ ކުރިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ރާއްޖޭގެ ކީޕަރު މުހައްމަދު އިމްރާން ދިފާއު ކުރި އެވެ.