އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ރާއްޖޭގައި ހިނގާ ކަންކަން އެއީ ނުވާ ކަންކަން ކަމަށް ބަލައިގެން ތިބޭނަމަ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ އަނދިރި ދައުލަތެއް އުފެދެމުން ދާތަން ފެންނަ ކަމަށެވެ. އެގޮތުން އައިސިސް އުފެއްދުމަށާއި ދެމެހެއްޓުމުގައި ދިވެހީންގެ ތެރެއިން ބަޔަކު ބައިވެރިވި ކަމަށެވެ. ބައެއް ރިޕޯޓްތަކާ ހަވާލާ ދެެއްވާ 250 އަށްވުރެ ގިނަ ދިވެހިން އެކަމުގައި ބައިވެރިވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެތައް ދިވެހި ޒުވާން އަންހެން ދަރީން ވަނީ އައިސިސްގެ ހަނގުރާމަވެރިންނަށް ވިއްކާފަ، ރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސް އަށް ފޮނުވުނީ އެ ޖަމާއަތުގެ ގިނަ ހަރަކާތްތައް ހިންގިގެން، ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތުގެ ބާރު ގަދަކުރަމުން ގެންދިޔައީތީވެ، ދިވެހި ދައުލަތް ހޮޅި ކުރަމުން ގެންދިޔައީތީވެ، ދައުލަތުގެ އެންމެ އެތެރެއަށް މި އަނދިރި ބާރު ވަންނަމުން ދިޔަތީވެމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
"އެތައް ދިވެހި ޒުވާން އަންހެން ދަރީން ވަނީ އައިސިސްގެ ހަނގުރާމަވެރިންނަށް ވިއްކާފަ، ރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސް އަށް ފޮނުވުނީ އެ ޖަމާއަތުގެ ގިނަ ހަރަކާތްތައް ހިންގިގެން، ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތުގެ ބާރު ގަދަކުރަމުން ގެންދިޔައީތީވެ، ދިވެހި ދައުލަތް ހޮޅި ކުރަމުން ގެންދިޔައީތީވެ، ދައުލަތުގެ އެންމެ އެތެރެއަށް މި އަނދިރި ބާރު ވަންނަމުން ދިޔަތީވެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2013 އިން 2016 އާއި ދެމެދުގައި 26 އަށްވުރެ ގިނަ މީހުން ވަޅިޖަހާ މެރި ކަމަށާއި ކަމާބެހޭ މާހިރުން ވިދާޅުވަނީ އެ މަރުތައް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށް ކަމަށެވެ. އަދި އެމީހުން މަރާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ކަމަށާއި އެ އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތައް ހުންނަ ގޮތަށް ކަމަށެވެ.
"އަނދިރި ދައުލަތުގެ ފިކުރުތަކާއި ހުށައެޅުންތަކާއި ދެކޮޅަށް ބަސްބުނާ މީހުން އެ ދައުލަތުގެ ފަރާތުން ފާހަގަ ކުރޭ، ބަސްބުނާ މީހުން އެއީ ދީނާ ހިލާފު މީހުންކަމުގައި ނިންމާ، އެމީހުން މަރަން ވެއްޖެކަމުގެ ހުކުމް ނެރެނީ ދީނުގެ ނަމުގައި، އެންމެ ފަހުން ފެންނަނީ މަރާލާފައި ވަނިކޮށް، ދަންނަ ބޭކަލުންގެ ގޮތުގައި ތިބެ ތަންފީޒު ކުރަނީ މާލޭ މަގުމަތީ ގޭންގްތައް، ގޭންގްތައް އެކަން ކުރަނީ ދައުލަތުގެ ބާރުތަކާއި ގުޅިގެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ނުކުރެވިއްޖެނަމަ ފެންނަން އޮތް މަންޒަރު ވަރަށް އަނދިރި ކަމަށެވެ.
އަދި ވިދާޅުވީ 2013 ވަނަ އަހަރު ރައްޔިތުން ނުކުތީ އެމީހުންގެ ވެރިކަން އަނބުރާ ހޯދަން ކަމަށާއި ނަމަވެސް އެއަހަރު އިންތިހާބު ކާމިޔާބުކުރީ ސުޕްރީމް ކޯޓު ކަމަށެވެ. އަދި އެވެރިކަން ދެމެހެއްޓީ ވެސް ސުޕްރީމް ކޯޓުން ކަމަށެވެ
"ރާއްޖޭގެ ސުޕްރީމް ކޯޓު ވަނީ އެކޯޓުގެ އިމުން ބޭރަށް ދެ ދޮޅަހަކަށްވުރެ ގިނަފަހަރު ނުކުމެފަ، ސުޕްރީމް ކޯޓު ކަނޑުން ބޭރުވި ކޮންމެފަހަރަކު ވެސް އެންމެ ބޮޑު ގެެއްލުމެއްވެފައި ވަނީ ރާއްޖޭގެ ވެރިކަމަށް، ވެރިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ، އަދި އެރައްޔިތުންގެ ކިބައިގަ ތާއަބަދަށް ލެހެއްޓިފައިވާ އެ ރައްޔިތުންގެ ވަކިވަކި ހައްގަކަށްވާތީވެ ރާއްޖޭގެ ވެރިކަމަށް ލިބޭ ގެއްލުން އެންމެ ބޮޑަށް ތަހައްމަލް ކުރަނީ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.