ރައީސް މުހައްމަދު ނަޝީދު

ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ ނިޔަތެއް ނެތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކުން އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް، މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަން އިއުލާން ކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް މިއަދު އައިސްފައިވާ ފަނޑިޔާރުގެ މައްސަލައަކީ މަޖިލީހަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެއް ފަނޑިޔާރުގެ މައްސަލަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފަހައްޓައިދޭން ޖޭއެސްސީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ވަކި ފަނޑިޔާރަކަށް ވަކި ގޮތަކަށް އަމަލު ކުރުމުގެ ނިޔަތެއް ގެންގުޅުމުގެ ވިސްނުން ނެތް ކަމަށާއި އޮވެގެން ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނޫން އެއީ، ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ އެއްވެސް ނިޔަތެއް ގެންގުޅުމުގެ ވިސްނުމެއް އޮވެގެން ނުވާނެ،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއެކު މި މަޖިލީސް އިންތިހާބުވެފައިވަނީ ވަރަށް މުހިއްމު ވައުދުތަކެއް ރައްޔިތުންނަށް ވުމުން ކަމަށެވެ. އޭގެ ތެރެއިން ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ އެންމެ މުހިއްމު ވައުދު ކަމަށެވެ. އެ މަސައްކަތް ކުރަން ވަގުތުތަކެއް ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަސައްކަތް ދާނީ އެއް ރޭ މަތިން ނޫން. އިޖުރާއަތްތަކެއް ފުރިހަމަކުރެވި، ދާއިމީ ގޮތެއްގައި މުއައްސަސާތައް ވަރުގަދަ ކޮށްދިނުން، މުއައްސަސާތަކުން ތެދުވެރިކަމާ އެކު ކަންކަން ނިންމޭނެ ގޮތަށް ނިޒާމުތައް ފުރިހަމަކޮށްދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ޖޭއެސްސީގައި އެމަނިކުފާނާއި އެމްޑީޕީގެ ބައެއް މެންބަރުން ތިއްބަވައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރެވެ އެވެ.

ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން އާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވަ އެވެ. ޖޭއެސްސީ ބަދަލުވި ފަހުން ވަރަށް ގިނަ ފަނޑިޔާރުން މިހާތަނަށް މަގާމުން ވަކިކޮށްފައިވެ އެވެ.