ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަރިކަނބަލުންނަށް އުމުރުން 18 އަހަރު ފުރިފައިވީ ނަމަވެސް އެ ދެ ކަނބަލުންގެ މާލީ ބަޔާން ފޮނުވައި ދޭން އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބި / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅައި، އަމީންއާންމު އެ ބަޔާންތައް މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހެ އެވެ. އެކަމަކު މެންބަރުގެ އާއިލާގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް އިސްލާހު ކުރަން ހުށަހަޅާފައިވެ އެވެ.
މި އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބަޔާންތައް އޮޑިޓަ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާ ގޮތަށް ހެދުމުން އޮޑިޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް މާލީ ބަޔާންތަކުގެ މައުލޫމާތުތަކެއް ހޯދިދާނެ ކަމަށެވެ. އަދި އެ އޮފީހުން ކޮންމެ ވެސް ވަރެއްގެ މައުލޫމާތު ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މެންބަރުގެ އިތުރުން އަނބިންނާއި ފިރިންނާއި 18 އަހަރު ނުވާ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނައީ ވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކަމަށް ވިދާޅުވި އެވެ. 18 އަހަރު ނުވިޔަސް ދަރިންގެ މާލީ ބަޔާން ފޮނުވަން ބޭނުންވާނަމަ އެ ގޮތަށް އަމަލު ކުރެވިދާނެ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަންހެނުން، ލައިލާ ނަޝީދުގެ މާލީ ބަޔާން ފޮނުވަން ޖެހޭނެ، އަޅުގަނޑު ދެ ދަރިންނަށް ވެސް 18 އަހަރު ވެއްޖެ، އެހެންވިޔަސް އަޅުގަނޑު އެދޭނަން އެ ދެ ކުދިން ކައިރީގައި ވެސް އެ ދެ ކުދިންގެ މާލީ ބަޔާންތައް ކޮންމެ ވެސް ތަނަކަށް ފޮނުވައި ދިނުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެންބަރަކު އެ މެންބަރަކާއި މެންބަރު އަނބިކަލުން / ފިރިކަލުން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ. އެ މާލީ ބަޔާންތައް ހުށަނާޅައިފިނަމަ މެންބަރުގެ މުސާރަ ކެނޑޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ.
މަޖިލީހުގެ ގަވާއިދު މި ގޮތަށް ބަދަލުކޮށްފައި ވަނީ ނަވާރަވަނަ މަޖިލީހުގަ އެވެ. ގާނޫނު އަސާސީގައި ލާޒިމުކޮށްފައި ވަނީ ހަމައެކަނި މެންބަރުގެ މާލީ ބަޔާން ހުށަހެޅުމަށެވެ. މިހާރު މި މަޖިލީހުން އެކުލަވާލި ގަވާއިދަށް އިސްލާހު ގެނެސް، އާއިލާގެ ބަޔާން ހާމަނުކުރާ ގޮތަށް ހެދުމަށް މަޖިލީހުގެ އާންމުކޮމިޓީން ނިންމައި ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ.