ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ "މުޅި ދުނިޔެ ފިތްކަނޑައިގެންދާ" ވަރަށް ކަމަށް ވިދާޅުވެ މެންބަރުން ކުރައްވާ މަސައްކަތަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލައި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ މިއަދުގެ ބަހުސުގައި އެއް މެންބަރެއްގެ ވާހަކަ ނިމި، އަނެއް މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން ރައީސް ނަޝީދު ވަނީ މެންބަރުން ފާހަގަ ކުރައްވާ ނުކުތާތަކަށް ތައުރީފު ކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުން އެއް ވިސްނުމެއްގައި އެއް އަމާޒަކަށް މިއަދު ވާހަކަ ދެއްކެވި ގޮތަށް ތިބެވިއްޖެނަމަ، މި ޖީލަށް ދިމާވަމުންދާ މައްސަލަތައް އަންނަން އޮތް ދަރިންގެ ޖީލަށް ދިމާނުވެ ހޯދިދާނެ ކަމަށާއި އެއީ މެންބަރުން އިންތިހާބު ކުރި މައިގަނޑު ސަބަބު ކަމަށެވެ.
"އަޅުގަނޑުމެންގެ ޖީލަށް ދިމާވި ކަންކަން އަޅުގަނޑުމެންގެ ދަރިންގެ ޖީލަށް ދިމާނުވެ ވާނެ ގޮތެއް ހޯދައި ދިނުމަކީ މި މަޖިލީހުގެ ހުރިހާ މެންބަރުން ވެސް މި މަޖިލީހަށް އިންތިހާބުވެފައިވާ މައިގަނޑު ބޮޑު ސަބަބު." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ ޒާތުގެ ސަބަބުން މެންބަރުން ކަންބޮޑުވެގެން އުޅެނީ ކޮންމެ ވެސް އެއްބަސްވުމެއް، ކޮންޓްރެކްޓެއް ނުވަތަ ބިޑެއްގެ މައްސަލައަކާ ގުޅިގެން ކަމަށް ބަޔަކު ހިތަށް އަރާނެ ކަމަށެވެ. ނަމަވެސް މެންބަރުންގެ ކަންބޮޑުވުން ގުޅިފައިވަނީ ސީދާ ރައްޔިތުންގެ ކަންކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ހިތަށް ވަދެދާނެ އަޅުގަނޑުމެންގެ މެންބަރުން ކަންބޮޑުވަނީ ކޮންޓްރެކްޓެއްގެ ކަމަކާއޭ. ބިޑެއްގެ ކަމަކާއޭ. ނުވަތަ ފެނާއި ނަރުދަމާގެ ކަމަކާއެ. ނޫން. އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ އަޅުގަނޑުމެންގެ މެންބަރުން ކަންބޮޑުވަނީ އެ ބޭފުޅުންގެ ރައްޔިތުންގެ ކަންކަމުގައޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަވާރަވަނަ މަޖިލީހަކީ ތަފާތު މަޖިލީހެއްގެ އުއްމީދުގައި އިންތިހާބު ކުރި މަޖިލީޙެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ހައްލު ކުރަން ދަތި އެތައް މައްސަލައެއް އޮތުމުން، އެ މައްސަލަތަކަށް ބަހުސްކޮށް ހައްލު ހޯދުމުގެ ގޮތުން ގޮތް ނިންމުމަށް ކަމަށެވެ. އެ މަސައްކަތް ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިއްޒަތްތެރި މެންބަރުން ތިޔަ ގެންދަވަނީ ދުނިޔެ ފިތްކަނޑައިގެންދާ މިންވަރަށް ސާބިތު ކަމާ އެކީގައި އެ މަސައްކަތް ކުރައްވަމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.