ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ އާއިލާގެ މާލީ ބަޔާން އާންމު ނުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރުގެ އިތުރުން މެންބަރުގެ އަނބި / ފިރިންނާއި 18 އަހަރު ނުވާ ދަރިންގެ މާލީ ބަޔާންތައް އަމީންއާންމަށް ހުށަހަޅަން ޖެހެ އެވެ. އަދި މަޖިލީހުގެ ވެބްސައިޓްގައި އެ މާލީ ބަޔާންތައް އާންމު ކުރަން ޖެހެ އެވެ.

މެންބަރުގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން 62 ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. ގަވާއިދު އެ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓު ދެއްވި އެވެ.

ކޮމިޓީ ރިޕޯޓަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިސްލާހެއް ހުށަހެޅުއްވި އެވެ. އެއީ މަޖިލީހުގެ އަމީންއާންމަށް މާލީ ބަޔާންތައް މެންބަރުން ހުށަހެޅުއްވުމަށް، އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާންތައް އަމީންއާންމު ފޮނުވަން ޖެހޭ ގޮތަށް ގަވާއިދަށް މާއްދާއެއް އިތުރު ކުރުމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހު ވެސް ގަވާއިދަށް ގެންނަން ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މެންބަރުންނާއި އާއިލާގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ އަމީންއާންމަށް އެކަންޏެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާންތައް ފޮނުވައި އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވާއިދުގައި ކުރިން ނެތެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މާލީ ބަޔާންތައް މެންބަރުން ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިންނެވެ. ހުށަނާޅައިފިނަމަ، ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހެ އެވެ. ސަސްޕެންޝަންގެ މުއްދަތުގައި މެންބަރުގެ މުސާރަ ވެސް ކެނޑިގެންދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.