ހަބަރު

މެންބަރުންގެ މާލީ ބަޔާން އޮޑިޓަ ޖެނެރަލަށް ފޮނުވަން ޖެހޭ ގޮތަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީންއާންމަށް ހުށަހެޅުމުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އެމްޑީޕީގެ ޗެއާޕަސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާ ގޮތުގައި، މެންބަރުންނާއި މެންބަރުން އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މަޖިލީހުގެ އަމީންއާންމަށެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި އޮޑިޓް ކުރާކަށް މަޖިލީހުގެ ގަވާއިދުގައި ނުބުނެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަނބިން / ފިރިންނާއި ދަރިންގެ މަލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައި ތަޅުމަށް މިއަދު ހުށަހެޅި އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މި މަޖިލީހުން ފާސްކުރި ގަވާއިދުގައި މިހާރު އޮންނަ ގޮތުން އާއިލާގެ އެ މާލީ ބަޔާންތައް އާންމު ކުރަން ޖެހެ އެވެ.

އެ ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުއްވި މެންބަރު ހަސަން ލަތީފް ވިދާޅުވީ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވަން ބޭނުންވާ ކަމަށެވެ. އެއީ މަޖިލީހުގެ އަމީންއާންމަށް މެންބަރާއި އާއިލާގެ މާލީ ބަޔާން ހުށަހެޅުމުން، އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާން ފޮނުވާ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ މާލީ ބަޔާންގެ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އޮޑިޓަ ޖެނެރަލް އޮފީހުން މަޖިލީހުގެ އާންމު ކޮމިޓީއަށް ލަފާ ދީފައިވަނީ މަޖިލީހުގެ އަމީންއާންމަށް ފޮނުވުމުގެ ބަދަލުގައި އޮޑިޓަ ޖެނެރަލްއަށް މާލީ ބަޔާން ފޮނުވާ ގޮތަށް ހެދުމަށެވެ.

ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވަނީ މެންބަރުންގެ މާލީ ބަޔާން އަމީންއާންމަށް ފޮނުވުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންވިޔަސް އަމީންއާންމަށް ބަޔާންތައް މެންބަރުން ހުށަހެޅުއްވުމުން، އަމީންއާންމު އޮޑިޓަ ޖެނެރަލްއަށް އެ ބަޔާންތައް ފޮނުވުމުގައި ގާނޫނީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމީންއާންމަށް ދިނުމުގެ އިތުރުން އޮޑިޓަ ޖެނެރަލްއަށް ދިނުން އެއީ މައްސަލައެއް ކަމުގައި ނުދެކެން. ގާނޫނު އަސާސީގައި އެ ޖަގާ ދެވޭ. އޮޑިޓަ ޖެނެރަލްއަށް ހުށަހެޅޭ ގޮތަށް އޮތުން އެއީ މުހިއްމު ކަމެއް ކަމުގައި އޮޑިޓަ ޖެނެރަލް ވެސް ފާހަގަ ކޮށްފައިވޭ." ހަސަން ލަތީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެންބަރަކު އެ މެންބަރަކާއި މެންބަރު އަނބިކަލުން / ފިރިކަލުންނާއި 18 އަހަރު ނުވާ ދަރިންގެ މާލީ ބަޔާން އަމީންއާންމަށް ހުށަހަޅަން ޖެހެ އެވެ. އެ މާލީ ބަޔާންތައް ހުށަނާޅައިފިނަމަ މެންބަރުގެ މުސާރަ ކެނޑޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ.