ކޯސްޓްގާޑަށް ޚާއްސަކޮށްގެން އުތުރު ތިލަފަށުގައި ހަދާފައިވާ "ކަލާސީ" ބަނދަރުގައި ކޯސްޓްގާޑުގެ ލަޝްކަރު މިއަދު ބަނދަރުކޮށްފި އެވެ.
އުތުރު ތިލަފަށު ހިއްކައި، "ސިފަވަރު" ނަން ދީފައިވާ އެ ރަށުގައި އޮންނަ "ކަލާސީ" ބަނދަރުގައި ކޯސްޓްގާޑުގެ ލަޝްކަރު ބަނދަރު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމެވެ. ސިފައިންގެ ކަނޑުގެ އުޅަނދުތަކުގެ ބޭނުމަށް ސިފަވަރުގައި ހަދާފައިވާ އެ ބަނދަރު މިދިޔަ މާޗް މަހު ރައީސް އަބްދުﷲ ޔާމީން ވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފަ އެވެ.
މިއަދު އެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ ނާޒިމް ވިދާޅުވީ އެ ބަނދަރުގެ ސަބަބުން ކޯސްޓްގާޑްގެ އުޅަނދުތައް ސަލާމަތްތެރިކަމާ އެކު ބަނދަރު ކުރެވުމުގެ އިތުރުން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޯސްޓްގާޑްގެ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކޯސްޓްގާޑުގެ ލަޝްކަރު އެތަނުގައި ބަނދަރު ކުރުމަށާއި ކޯސްޓްގާޑުގެ 35 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ސިފައިންގެ އިސް އޮފިސަރުންނާއި ޝަރަފްވެރި ކަމާ އެކު ރިޓަޔާ ކުރައްވާފައި ތިއްބެވި އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.