މި އަހަރުގެ މިހާތަނަށް ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 11 މީހަކު ހިފަހައްޓަފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި އަހަރުގެ މިހާތަނަށް ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހްސު އޮޅުވާލައިގެން މި އަހަރުގެ މިހާތަނަށް 11 މީހަކު ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރުމުން އިމިގްރޭޝަނުން ހިފަހައްޓާފައިވާ ކަމަށެވެ. އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ވަނީ އެ މީހުންގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް އެ މީހުންގެ ފޮޓޯތައް އާންމުކޮށްފަ އެވެ.
ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ޝަހްސު އޮޅުވާލައިގެން އެތެރެވާން އުޅުނު ފިރިހެނަކު ވަނީ މިދިޔަ ހޯމަ ދުވަހު އިމިގްރޭޝަނުން ހިފަހައްޓާފަ އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ވެސް ވަނީ އެ ގޮތަށް އެތެރެވާން އުޅުނު ފިރިހެނަކު ހިފަހައްޓާފަ އެވެ. ނަމަވެސް އެއީ ކޮން ގައުމަކުން އައި މީހުން ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްސު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާ ބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.