ޑިޒައިނަށް ބަދަލު ގެނެސް، ސިއްރު ފެންފުށީގެ މޫދު އަޑީގެ ގެލެރީ އަލުން ހުޅުވައިފި އެވެ.
ބުދު ތަކެއް ސިފަވާ ގޮތަށް ހަދާފައިވާ ސްކަލްޕްޗާ ތަކެއް ހުރެގެން ރައީސް އަބްެދުﷲ ޔާމީންގެ ވެރިކަމުގައި މައްސަަލަ ބޮޑުވެފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް އެތަކެތި ނެގުމުން ބަންދުކުރި އެ ގެލެރީއަކީ ރާއްޖޭގައި އެގޮތަށް މޫދު އަޑީގައި ހެދި ފުރަތަމަ ތަނެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް ތައްޔާރުކުރި އެ ގެލެރީ އަލުން ހުޅުވާފައި ވަނީ ބޮޑެތި ބަދަލުތަކާއެކުގަ އެވެ.
ށ. އަތޮޅު ސިއްރު ފެންފުށި ހިންގާ ފެއާމޮންޓް ހޮޓަލްސް ކުންުފުނިން ނެރުނު ބަޔާނެއްގައި ބުނީ "ދަ ކޮރެލޭރިއަމް" ގެ ނަމުގައި އަލުން ގެލެރީ ހުޅުވާފައިވަނީ މުރަކަތަކެއް ސިފަވާ ގޮތަށެވެ. މި ފަހަރުގެ ގެލަރީއިން ފެންނާނީ މުރަކަތަކެއް ހެދި، ބޮޑު ވަމުން އަންނަ ގޮތް ކަމަށެވެ.
އެ ކުންފުނިން ބުނީ މުރަކަ ސްކަލްޕްޗާތައް ހަދާފައިވަނީ ކަނޑުގެ ވެށި ތަޣައްޔަރު ކުރާ އެއްވެސް މާއްދާއެއް ހިމަނައިގެން ނޫން ކަމަށާއި ބޭނުން ކޮށްފައިވާ މާއްދާތަކުގެ ސަބަބުން ކަނޑުގެ ދިރުމަށް ގެއްލުމެއް ނުވާނެ ކަމަށެވެ.
އެތަނުގައި ސެރެމިކް ބޭނުން ކޮށްގެން ހަދާފައިވާ 500 އާޓިފިޝަލް ސްޓާ ފިޝް ބަހައްޓާފައިވެ އެވެ. މި ސްކަލްޕްޗާތައް ފަރުމާ ކޮށްފައި ވަނީ މަހަށް ކާން ދިނުމުން އޭގައި މަހު ކާނާ ތާށިވެ މަސް އާލާވާ ގޮތަށެވެ.
ސިއްރު ފެންފުށީ ފަޅަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފަޅެކެވެ. އެ ރިސޯޓުން ވަނީ އަލަށް ހެދި ގެލަރީގައި ފީނުމުގެ ފުރުސަތު ޓޫރިސްޓުން ނަށް ހުޅުވާލާފަ އެވެ.
ފްރާންސްގެ އެކޯ ހޮޓެލްސް ގްރޫޕުގެ ހިންގާ ސިއްރު ފެންފުށި ރިސޯޓުގައި ހަދާފައިވާ 200 މީޓަރު ދިގު ސުވިމިން ޕޫލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕޫލެވެ.