އަވަސް

އަވަސް އޮންލައިންގެ އެންޑްރޮއިޑް އެޕް ނެރެފި

Sep 12, 2019
3

ބޭނުންތެރި މުހިންމު ފީޗާތަކާއެކު އަވަސް އޮންލައިންގެ އެންޑްރޮއިޑް އެޕް ސޮފްޓް ލޯންޗިންއެއްގައި މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.

އަވަސްގެ އެންޑްރޮއިޑް އެޕް މިއަދު ލޯންޗު ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު ވަނީ އައިއޯއެސް އެޕް ވެސް ސޮފްޓް ލޯންޗިންއެއްގައި ދޫކޮށްލާފަ އެވެ.

އަވަސް އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު އަފްރާހު މިއަދު ވިދާޅުވީ، އަވަސްގެ އައިފޯން އެޕަށް ފަހު ފުރިހަމަ ކުރެވިފައިވާ އެންޑްރޮއިޑް އެޕެއް މިއަދު ދޫކޮށްލެވުމަކީ ކިޔުންތެރިންނާ ވީހާވެސް ގާތަށް ދިއުމަށް އަވަސް އިން ކުރާ މަސައްކަތަށް ލިބުނު ފުރިހަމަ ކަމެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެޕްތައް ރަސްމީކޮށް ލޯންޗް ކުރުމަށް އިވެންޓެއް ބާއްވާނެ ކަމަށެވެ.

"އަވަސްގެ މިވީ ހަތަރު އަހަރުގެ މާޒީގައި ރާއްޖޭގެ ނޫސްވެރި ކަމަށް ވަރަށް ގިނަ ކަންކަން ތައާރަފުކޮށް ކުރިއެރުންތަކެއް ހޯދާފައިވޭ... އަޅުގަނޑުމެން މަސަކަތް ކުރަނީ ވީހާވެސް ކިޔުންތެރިންނާ ގާތަށް ދާން،" އަފްރާހު ވިދާޅުވި އެވެ.

ދިވެހި އަދި އިނގިރޭސި ވެސް ހިމެނޭ ގޮތަށް ނެރުނު އަވަސްގެ އެންޑްރޮއިޑް އެޕްގެ ހާއްސަ ޕީޗާތަކުގެ ތެރޭގައި ބޭނުންވާ ކޮންޓެންޓް އެކަނި ޑިސްޕްލޭ ކުރެވެން ހުރެ އެވެ. ފަހުން ކިޔާލަން ބޭނުންވާ ހަބަރުތައް ބުކްމާކް ކުރެވުމާއި ޑައިނަމިކް ނޮޓިފިކޭޝަން ނުވަތަ އެމީހަކު ބޭނުންވާ ކެޓަގަރީއެއްގެ ކޮންޓެންޓްގެ ނޮޓިފިކޭޝަން ލިބުމުގެ އިތުރުން، ބޭނުންވާ ވަރަކަށް ފޮންޓް ސައިޒް ބޮޑުކޮށް ކުޑަ ކުރެވެ އެވެ. މީގެ އިތުރުން ނައިޓް މޯޑް ހިމަނާފައި ވާނެ އެވެ އަދި އިތުރު ފީޗާތައް ނޫހުގައިވާ އެޕްގެ ލޭންޑިން ޕޭޖު އިން ފެންނާނެ އެވެ.

އަވަސްގެ އެންޑްރޮއިޑް އެޕް ގޫގުލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

އަވަސްގެ މޮބައިލް އެޕްލިކޭޝަންތަކުގެ ލޭންޑިން ޕޭޖް

އަވަސްގެ އެސިސްޓެންޓް ލީޑް ޑިވެލޮޕާ ޝާރިފް ޚަލީލް މިއަދު ވިދާޅުވީ މިއަދު އާންމުންނަށް ދޫކޮށްލި އަވަސްގެ އެންޑްރޮއިޑް އެޕަކީވެސް ކުރިން ނެރުނު އައިފޯން އެޕް ފަދައިން ކިޔުންތެރިންނަށް ވަރަށް ފަސޭހަވާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އެޕެއް ކަމަށެވެ.

"މި އެޕް ގެނެސްދީފައިވާނީ ވަރަށް ޔޫސާ ފްރެންޑްލީކޮށް، އެމީހަކު ބޭނުންވާ ކޮންޓެންޓެއް ޑިސްޕްލޭ ކުރެވޭ، އަދި ބޭނުންވާ ޚަބަރެއްގެ ނޮޓިފިކޭޝަން އެކަނި ލިބިގެންދާނެ ގޮތަށް ޑިވޮލޮޕް ކޮށްފައިވާނެ... މިސާލަކަށް ޕޮލިޓިކްސް ދެކެ ފޫހިވާ މީހަކު ބޭނުން ވެދާނެ ހަމަ އެކަނި ލައިފް ސްޓައިލް އެއްޗެހި ކިޔަން. އެ ފުރުސަތު އޮންނާނެ އެމީހާއަށް،" އޭނާ ވިދާޅުވި އެވެ.

ޝާރިފް ވިދާޅުވީ އަވަސް އަށް ހަތަރު އަހަރުވެފައިވާއިރު މިހާތަނަށް ކިޔުންތެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮތީ ނޫހުގައި ފުރިހަމަ އެޕްތަކެއް ނެތުން ކަމަށާއި މިއަދުގެ ހާއްސަ ކަމަކީ އެ ޝަކުވާއަށް ނިމުން އައުން ކަމަށެވެ.

"އަވަސްގެ ފުރިހަމަ އެޕެއް ނެތި އޮތް އޮތުމަކީ ކިޔުންތެރިން ވަރަށް ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަ ކުރަމުން އައި ކަމެއް. އެ ޝަކުވާއަށް މިއަދު ނިމުން އައުމަކީ އަވަސްގެ ޓީމަށް ލިބުނު ހިތްހަމަ ޖެހުމެއް،" އޭނާ ވިދާޅުވި އެވެ. "މީގެ އިތުރުން އަވަސްގެ އެޕް މެދުވެރިކޮށް ވިޔަފާރިތައް އިސްތިހާރު ކުރުމުގެ ފުރުސަތު ވެސް ވިޔަފާރިވެރިންނަށް ފަހިވިގެން ދިޔައީ މިހާރު،"

ޝާރިފް ވިދާޅުވީ އަވަސްގެ ޑިވެލޮޕްމަންޓް ޓީމުން މިހާރު ވެސް އިތުރު މަސައްކަތްތަކެއް ފުރިހަމަ ކުރަމުން އަންނަ ކަމަށާއި މި އަހަރުތެރޭ އޭގެ ބައެއް ޕްރޮޑަކްޓްތައް ދޫކޮށްލާނެ ކަމަށެވެ.