ހަބަރު

ބާ 11 އިމާރާތެއް ބަލާ ފިޔަވަޅު އަޅަން ފޮނުވައިފި

ބާވެ ބޭނުން ނުކުރެވޭވަރު ވެފައިވާ 11 އިމާރާތެއް ފާހަގަކޮށް އެ އިމާރާތްތަކުގެ އެސެސްމަންޓް ހަދައި ފިޔަވަޅު އަޅަން ފޮނުވާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ "ނުވަގަޑި" ޕްރޮގްރާމުގައި ބުނީ ބާ ވުމުގެ އާންމުންނަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަ ށްބެލެވޭ 11 އިމާރާތެއް މާލެއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ އެސެސްމަންޓެއް ހަދާ ފިޔަވަޅު އަޅަން ވެސް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ސަލާމަތީ ކަންކަމަށް ބެލުމަށްފަހު މައްސަލަތައް ހައްލު ކުރަން ސިޓީ ކައުންސިލް މެދުވެރިކޮށް އެ އިމާރާތްތަކަކާއި ގޭގެ ވެރިންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެންވޭރުގެ ފަސް ގެއަކާއި މާފަންނު ހަތަރު ގެއެއް އަދި މައްޗަންގޯޅީގެ ދެ ގެއެއް ހިމެނޭ ކަމަށެވެ.

އަދި ބުނީ، ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ހުރަވީ ބިލްޑިން އިމާރާތް ވެސް ރީލޮކޭޓް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އަދި ޖާގައެއް ހަމަނުޖެހޭ ކަމަށެވެ.

މާލޭގައި ހުރި ބާ އިމާރާތްތަކުގެ ތެރެއިން މިހާރު ހުސްކޮށްފައި ހުރި، ބާ ޖަމާލުއްދީންގެ އިމާރާތަކާއި ބިލަބޮންގް ސްކޫލް ކުރިމަައްޗަށް ހުންނަ، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއް ހިންގި އިމާރާތްވެސް އާ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އަލުން ތަރައްގީ ކުރަން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓްރީން ބުނީ މާލޭގައި އިމާރާތްކުރާ ތަންތަނުގެ ހާލަތު ބަލައި މޮނީޓާ ކުރަން އެ މިނިސްޓްރީ އިން ކުރާ މަސައްކަތުގެ ދަށުން މި އަހަރުގެ އޯގަސްޓުމަހުގެ ނިޔަލަށް 337 ސައިޓަކަށް ޒިޔާރަތްކޮށް، އެތަންތަނުން ފާހަގަވި މައްސަލަތައް ސިޓީ ކައުންސިލަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އަލަށް އިމާރާތް ކުރާ ތަންތަން ގަވައިދުން މޮނިޓާ ކޮށް ރެގިއުލޭޓް ކުރަމުންދާ ކަމަށާއި ސައިޓުތަކަށް ގަވައިދުން ޒިޔާރަތް ކުރަން ފެށުމުން ސަލާމަތީ ކަންކަމަށް އިސްކަންދޭ ވަރު އިތުރުވެފައިވާ ކަމަށެވެ.

"ގަވައިދުތަކެއް އައި ފަހުން ސަލާމަތީ ކަންކަމަށް ބަލާ. ކޮންޓްރެކްޓަރުން ވެސް އެކަންކަމަށް ބަލާކަން ފާޙަ ގަކުރެވޭ. ކުރިއާ ބަލާފައި ބޮޑުބައި ރަނގަޅުވެއްޖެ" މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (ސީއައިޑީޑީ) ގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ތޮލްހަތު ވިދާޅުވި އެވެ.