ލައިފްސްޓައިލް

ކޮފީއަކީ ތަދުވެސް ކަނޑުވައިދޭ ބުއިމެއް!

ގުއެޓެމާލަން ފްރެންޗް ރޯސްޓް، ކޮލަމްބިއަން ބްރޫ، އަރަބިކާ ކޮފީ ފަދަ ކޮފީތަކުގައި ހުންނަ މީރު ރަހަތައް އެނގޭނީ ކޮފީ ބުއިމަށް ލޯބިކުރާ މީހުންނަށް އެކަންޏެވެ. ބައެއް މީހުން ކޮފީއަށް ދެވި ހިފާފައި ތިބޭ ވަރުން ކޮފީފޮދެއް އަނގައިގައި ޖެހޭއިރަށް އެއީ ކޮން ބްރޭންޑެއްގެ ކޮފީއެއްކަން ކޮން ފްލޭވާއެއްކަން ދެނެގަނެވެ އެވެ. ސައިންސްވެރިން ދާދިފަހުން ހޯދި ހޯދުމެއްގެ ނަތީޖާއަކީ ކޮފީއަށް ލޯބިކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރެކެވެ.

މިފަހަރުގެ ހޯދުމަށްފަހު ސައިންސްވެރިން ބުނަނީ ކޮފީއަކީ ތަދުކަނޑުވާ ބޭހެއް ފަދަ އަސަރުތަކެއް ހަށިގަނޑަށް ކުރުވާ އެއްޗެއް ކަމަށެވެ.

ސައިންސްވެރިން ނުބުންޏަސް ކޮފީ ބޯ ބައެއް މީހުންނަށް މި ތަޖުރިބާ ކުރެވިފައިވާނެ ކަމަށް ބެލެވެ އެވެ. ހާސް ކަމާއި ހިތް ނުތަނަވަސްވެގެން އުޅޭ ވަގުތު ވެސް ކޮފީގެ ހިތްގައިމު ވަހުން ސިކުނޑިއަށް ހަމަޖެހުން ލިއްބައިދޭ ކަމަށް ކޮފީ ބޯ ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. މިއީ ހަމައެކަނި ކޮފީއެއް ޚާއްސަ ކަމެކެވެ. ސަޔާއި އެފަދަ ކެފެއިން އެކުލެވޭ އެހެން ބުއިންތަކުގައި ކޮފީގައި ހުންނަ އަސަރެއް ނުހުރެ އެވެ.

ސިއްހީ ތަޖުރިބާކާރު، ޕީއެޗްޑީ ފިޒިއޮލޮޖިސްޓް ޑރ. ރޭ ޕީޓް ވިދާޅުވީ ސައިންސްވެރިންގެ ކޮމިއުނިޓީން ކޮފީއާ މެދު ދެކެނީ ބޭހަކާ މެދު ދެކޭ ގޮތަށެވެ. ނަމަވެސް ހަގީގަތުގައި ކޮފީއަކީ އެއަށް ދެވިހިފުމުގެ ބާރު ހުންނަ ނިއުޓްރިއަންޓެކެވެ. އެންޓި - ސްޓްރެސް ހޯމޯން ޕްރޮޖެސްޓެރޯން ރިލިޒްވުމުން ވާހަކަ ކަހަލަ ގޮތެއް ކޮފީގައި އެކުލެވޭ ކެފެއިން ހަށިގަނޑަށް އެތެރެ ވުމުން އިހްސާސް ކުރެވެ އެވެ.

އޭނާ ވިދާޅުވީ ކޮފީގެ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ކުރަނީ އެކަށީގެންވާ ވަރަށް ވުރެ ގިނައިން ބުއިމުންނެވެ. ލޭގައި ދައުރުގައިވާ ގުލްކޯޒްގެ މިންވަރު ކޮފީ އިން ދަށްކޮށްދޭއިރު ކްރީމް، ކިރު ފަދަ އެއްޗެތި ނާޅާ ކަޅުކޮފީ ބޯ މީހުންނަށް ގިނައިން ކޮފީ ބުއިމުން ހަށިގަނޑު ތުރުތުރު އަޅާ ގޮތްގޮތް ވާކަމަށް ޑރ. ރޭ ވިދާޅުވި އެވެ. އަދި ނުކާން ވެގެން އަބަދު ހުސް ކޮފީ ބޯނަމަ ވެސް މައްސަލަތައް ދިމާވެ އެވެ.

ޑރ. ރޭ ވިދާޅުވީ ސްޓްރެސް ފިލުވާލުމަށާއި ތަދު ކަނޑުވާލަން ކޮފީ ބޯ މީހުން ހަނދާން ކުރަން ޖެހޭ ބައެއް ކަންތައްތައް ހުންނަ ކަމަށެވެ. ފުރަތަމަ ކަމަކީ ކޮފީގައި ކޮންމެވެސް ވަރަކަށް ގުލްކޯޒް ނުވަތަ ހަކުރު ހުންނަން ޖެހޭ ކަމެވެ. އެހެންވީމަ ކޮފީއަށް ކޮންމެވެސް ވަރަކަށް ހަކުރު ނުވަތަ ގުލްކޯޒް އަޅަން އޭނާ އިރުޝާދު ދެއްވި އެވެ. އަދި ކޮފީ ބުޔަސް ރަނގަޅަށް ކެއުން މުހިއްމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދެ ވަނަ ކަމަކީ އޯގަނިކް ކޮފީ ޚިޔާރު ކުރުމެވެ. މިފަދަ ކޮފީގައި ޓޮކްސިން މަދެވެ. އޯގަނިކް ނޫން ކޮފީ ހުންނަނީ ޕެސްޓިސައިޑްސް ޖަހައިގެން ހައްދާފައި ކަމަށާއި އޯގަނިކް ކޮފީގައި ޕެސްޓިސައިޑްސްގެ އަސަރު ނުހުންނާނެ ކަމަށް ޑރ. ރޭ ވިދާޅުވި އެވެ.

ތިން ވަނަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ކޮފީ ބުއިމުން ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވުމެވެ. އެހެންވެ ކޮފީ ގިނައިން ބޯ މީހުން ފެން ގިނައިން ބޯން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.