ހަބަރު

އީސީން ބޭއްވި ކޮންމެ އިންތިޚާބެއް މިނިވަން: ޝަރީފު

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބަކީ ވެސް އިންސާފުވެރިކަމާ މިނިވަންކަމާއެކު ބާއްވާފައިވާ އިންތިޚާބުތަކެއް ކަމަށާ އެ އިންތިޚާބުތަކާމެދު އުފައްދާނެ ޝައްކެއް ނެތްކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީސީން އިންތިޒާމުކުރި "ޑިމޮކްރަސީ ރަން" ފެށުމުގެ ކުރިން ޝަރީފު ވިދާޅުވީ އިންތިޚާބުތަކުގެ މިނިވަންކަމާ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާ ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އީސީ އުފެއްދި ފަހުން ވަރަށް ގިނަ އިންތިޚާބުތައް ބާއްވާފައިވާ ކަމަށެވެ. އެއީ ބޮޑެތި އިންތިޚާބުތަކެއްކަން ފާހަގަކުރައްވާ ވިދާޅުވީ މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބަކީ ވެސް އިންސާފުވެރިކަމާ މިނިވަންކަމާއެކު ބާއްވާފައިވާ އިންތިޚާބުތައް ކަމަށެވެ.

ޝަރީފު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ބޭރުގެ ޖަމިއްޔާތަކުން ވަރަށް ރަނގަޅު ކޮމެންޓް ދީފައި ވާކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން އެ އިންތިޚާބުގެ ކަންކަން އޮބްޒާވުކުރި ފަރާތްތަކުގެ ރިޕޯޓްތައް އޭނާ ފާހަގަކުރެއްވި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު މިހާރުގެ އިދިކޮޅު ޕާޓީތަކުން ވަނީ ސުވާލު އުފައްދާފައެވެ. އޭރު ސަރުކާރުގައި ތިބީ އެ ބޭފުޅުންނެވެ. ރައީސް ޔާމީން ވެސް ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކޮށް ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ މަގުމައްޗަށް ވެސް ނުކުމެފަ އެވެ.

އިންތިޚާބުގެ ނަތީޖާ ބާތިލު ކުުރުމުގެ މައްސަލަ ކޯޓަށް ވެސް ހުށައެޅިއިރު، އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.