ހަބަރު

މިލަދެކުނު އަދަބީ އީދަށް ރައީސް މަނަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ "މިލަދެކުނު އަދަބީ އީދު 2019" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ އޮންނާނީ މިރޭ 9:00ގައި މަނަދޫ ސުކޫލް ހޯލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

މަނަދޫގައި ކުރިއަށްދިޔަ "މިލަދެކުނު އަދަބީ އީދު 2019"ގައި އެ އަތޮޅުގެ ރަށްރަށުގެ ސުކޫލްތަކުގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ނޫނު އަތޮޅުގެ ތާރީޚާ ރަށްރަށުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަން ހުށައެޅުމުގެ މުބާރާތަކާއި، ޅެން ހެދުމުގެ މުބާރާތެއްގެ އިތުރުން އިސް ރަށްވެހިންނާއި، އެކި އުމުރުގެ މީހުންނަށް ޚާއްސަ ރައިވަރު ކިޔުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަތުލިޔުމުގެ މުބާރާތަކާއި، ކުޑަކުދިންނަށް ޚާއްސަކޮށްގެން "އެބައުޅޭ އެބައުޅޭ"ގެ ނަމުގައި ވާހަކަ ކިޔައިދފިނުމުގެ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

މި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދަރިވަރުންނާއި، ސުކޫލްތަކަށް މިރޭ އިނާމް ދޭނެއެވެ.