ކުޅިވަރު

މާނޭ އާއި ސަލާހްގެ ލަނޑުތަކުން ލިވަޕޫލް ލީޑް ފުޅާކޮށްފި

ސެޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ކާމިޔާބު ކުރި ލަނޑުތަކުން، ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-1 ން މޮޅުވެ، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލިވަޕޫލް އެއް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ. މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓއަށް ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި، މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ނިއުކާސަލްއިންނެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، ކްރިސްޓިއަން އަޓުސޫ ދިން ޕާހަކުން ނިއުކާސަލްގެ ލަނޑު ކާމިޔާބު ކުރީ ޖެޓްރޯ ވިލެމްސް އެވެ.

ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މާނޭ ކާމިޔާބު ކުރީ އެންޑްރޫ ރޮބަޓްސަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާނޭ ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ލކީޑް ނަގައިދިފަ އެވެ.

ލިވަޕޫލްގެ ތިން ވަނަ ލަނޑު 72 ވަނަ މިނެޓްގައި ސަލާހް ކާމިޔާބު ކުރީ ރޮބާޓޯ ފިރިމީނޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.