ހަބަރު

ޑްރަގާ ދުރުވަން ހުޅަނގުގެ ފަރުވާއަކީ ހައްލެއް ނޫން: އުމަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތްކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓައިގެންކަމަށާ ހުޅަނގުން ބޭނުންކުރަމުންދާ ފަރުވާތަކަކީ ދެމެހެއްޓެނިވި އެއްޗެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް އިސްވެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތްކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓައިގެންކަމަށެވެ. އަދި މިއީ ފަހުގެ ދިރާސާތަކުން ހާމަވެފައިވާކަމެއްކަަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ހުޅަނގުން ބޭނުން ކުރަމުންގެންދިޔަ ފަރުވާތަކަކީ އަގު ބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަމަށްވެސް މިހާރު ސާބިތުވެފައިވާކަމަށެވެ.

"އިސްލާމްދީނާ ކައިރިއަށް ދިވެހިން ޖެހިގެން މެނުއީ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް." އުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުހައްގު ނަފާ ހޯދުމަށް ދަރީންގެ މުސްތަގުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި އެފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލް އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއްކަމަށެވެ. ސަރުކާރުގެ މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.