ރާއްޖޭގައި ބޮޑެތި ކުށްތައް ކުރަމުން ދިޔަ ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖޭގައި މަނީލޯންޑާ ކުރަމުން އައި ބިދޭސީއަކާއި ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުވި ބިދޭސީއަކު ޑީޕޯޓުކޮށްލައިފަ އެވެ. ބޮޑެތި ކުށްކޮށްގެން މުއްސަނދި ދިރިއުޅެމެއް އުޅެމުން އައި އެ ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓް ކޮށްލުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލަ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ފާހަގަ ކުރެއްވި އެވެ. އުޝާމް ވިދާޅުވީ ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓް ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަން އިން ދޫކޮށްލީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަބޫ ހަނީފެވެ. އޭނާއަށް ރާއްޖޭގައި މަސައްކަތް ކުރަން އިމިގްރޭޝަނުން 2014 ވަނަ އަހަރު ދޫކޮށްފައިވާ ކާޑުގައިވާ ގޮތުން އޭނާއަކީ ވަޑިއެކެވެ. އެހެން ނަމަވެސް އޭނާ ވަނީ ރާއްޖޭގައި ބޮޑެތި ކުށްތައްކޮށް ތަފާތު ވިޔަފާރިތައް ކޮށްފަ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރަން އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.