ވިޔަފާރި

ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކްސް މަދުވެއްޖެ

Sep 15, 2019

ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ "ރެމިޓެންސް" ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މަދުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ޖެނުއަރީން އޮގަސްޓް މަހުގެ ނިޔަލަށް ރެމިޓެންސް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 70 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މި ޓެކުހުން 71 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ރެމިޓެންސް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު 9.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 7.9 މިލިއަން ރުފިޔާ އެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް ނަގަން ފެށި މި ޓެކުހުގައި ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓެވެ.

މި ޓެކުސް ނަގަން ފެށުމާއެކު ބައެއް ފަރާތްތަކުން ޓެކުހުން ރެކެން ތަފާތު އުކުޅުތައް ބޭނުން ކުރެ އެވެ. ނަމަވެސް މި ޓެކްސް ނުދައްކައި އެކަމުން ބަރީއަވާން މަސައްކަތް ކުރާ ފަރާތްތަކަށް ބިދޭސީ މުވައްޒިފަކު ބޭރަށް ފޮނުވި ފައިސާއާ އެއް އަދަދަކަށް ޖޫރިމަނާ ކުރެ އެވެ. އެއީ ވިޔަފާރި އަކުން ނަމަ ޖޫރިމަނާގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަ ވެސް ވަކި ވަގުތީ ގޮތުން ނެގުމުގެ ބާރު ދީފައިވެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބިދޭސީން މުސާރައިގެ ގޮތުގައި މިދިޔަ އަހަރު އެކަނި
531.7 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) ވަނީ ބޭރަށް ފޮނުވާފަ އެވެ.