ވިޔަފާރި

ރެމިޓެންސް ޓެކްސް އުވާލަނީ

ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ނަގަމުން ގެންދާ "ރެމިޓެންސް ޓެކްސް" އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް އެންޑް ބަޖެޓް އެގްޒެކެޓިވް ޝަރުވަޝް އާދަމް ވިދާޅުވި ގޮތުގައި ރެމިޓެންސް ޓެކްސް އުވާލަން ހުށަޅަން ނިންމީ، މި ޓެކުހުގެ ސަބަބުން ބޭންކުގެ ބޭރުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެފައިވާތީ ކަމަށެވެ.

އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ރެމިޓެންސް ޓެކުހަކީ ވަރަށް ތަފާތު ކުރުން ބޮޑު ޓެކުހެއް ކަމަށެވެ.

"ރެމިޓެންސް ޓެކްސް ނަގަން ފަށައިގެން އަދި ވެސް ހަމައަކަށް ނޭޅެ. ރެމިޓެންސް ޓެކްސްއަކީ ވަރަށް ތަފާތު ކުރުން ބޮޑު ޓެކްސް އެއް. ހަމައެކަނި ބައެއްގެ އަތުން މި ނަގަނީ. ހާއްސަކޮށް އިމްޕްލިމެންޓް ކުރުމުގައި މި ނެގެނީ އެންމެ ދަށުން ނުވަތަ އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން،" އަރުޝަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޓެކްސް ނަގަން ފެށުމުން ރާއްޖޭން ބޭރަށް ބޭންކްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ބޮޑުތަން މަދުވާން ފެށި ކަމަށެވެ.

"ރާއްޖޭގައި އުޅޭ މީހުންނަށް ބޭރުގަ ހުންނަ އެކައުންޓްތަކުން މުސާރަ ދިނުމާ ކަންތައް ކުރި. މި ކަހަލަ ނޭދެވޭ އެތަށް ކަމެއް ކުރި. ހާއްސަކޮށް މަސައްކަތްތެރިން ރާއްޖެއިން ފުރައިގެންދާއިރު، ގެންދާ ޑޮލަރު ކޮޅު ހިފަހައްޓައިގެން ނަގަނީ. އެހެންވެ އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ މި ޓެކްސް އުވާލަން ހުށަހަޅަނީ،" އަރުޝަދު ވިދާޅުވި އެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކާއެކު އެވެ. ރެމިޓެންސް ޓެކްސް ނެގުމަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ރާއްޖޭގައި ބޭންކް އެކައުންޓަކަށެވެ. އަދި އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ވަޒީފާދޭ ފަރާތް 50،000ރ. އިން ޖޫރިމަނާކުރެވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަހަރު 500 މިލިއަން ޑޮލަރުވަރު މުސާރައިގެ ގޮތުގައި ބޭރު ކުރާއިރު، މިދިޔަ އަހަރު މި ޓެކުހުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 101 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރު ލިބުނު 114 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށްވުމެކެވެ.