މީރާ

ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށްފި

May 29, 2021

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓެކްސް ފައިސާ ދައްކަންޖެހޭ ސުންގަޑި ފަސް ކޮށްދީފި އެވެ.

މީރާ އިން ބުނީ ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތައް އަޅާފައިވާ މި މުއްދަތުގައި ޓެކްހާއި އެހެނިހެން ފީތައް ދައްކަންޖެހޭ ސުންގަޑި އަންނަ މަހުގެ 10 އަށް ފަސްކޮށް ދީފައިވާ ކަމަށެވެ.

މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް، ވާރުޕޭ މެދުވެރިކޮށް ޓެކްހާއި ފީތައް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ.

މީރާ އިން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ވެސް އޮންލައިން ކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ އޮންލައިންކޮށް ހިދުމަތް ހޯދުމަށްވެސް މީރާ އިން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސް ތަކަށް މުވައްޒަފުން ނިކުމެ މަސައްކަތް ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތް ދިނުމަށް އޮފީސް ތަކަށް ވެސް އަންގާފަ އެވެ. އެގޮތުން އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް މިއުސޫލުން ސަރުކާރުގެ ހިދުމަތްތައް ލިބިގެންދާނެ އެވެ.

މީގެއިތުރުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް މާލެ ސަރަހައްދާއި ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތަކުގައި ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި މާލޭގައި އެއްވެސް އިރަކު ގެއިން ބޭރަށް ނިކުންނަ ނަމަ ނިކުމެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.