ވެލެންސިއާ ދެކޮޅަށް ބާސެލޯނާގެ 16 އަހަރުގެ ކުޅުންތެރިންޔާ އަންސްމާން ފާޓީ (އަންސޫ ފާޓީ) ނަގައިދިން ލީޑާއެކު ވެލެންސިއާގެ މައްޗަށް 5-2 ން ބާސާ މޮޅު ވެއްޖެ އެވެ.
ޒުވާން އަންސޫފާޓީ ވަނީ ބާސާއަށް ލަނޑު ޖަހައިދިނުމުގެ އިތުރަށް އިތުރު ލަނޑެއް ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މީގެ ދެ ދުވަސް ކުރިން އޭރު ކޯޗުކަމުގައި ހުރި މާސެލިއާނޯ ވަޒީފާއިން ވަކި ކުރުމަށް ފަހު ވެލެންސިއާގެ ކޯޗް ކަމަށް އެ ކުލަބުގެ ޗެއާމަން ސިންގަޕޫރުގެ ޕިޓާ ލިމް އައްޔަން ކުރީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ކޯޗް އަލްބަޓް ސެލާޑޭސް އެވެ.
ސެލާޑޭސް އަށް ރަނގަޅަށް ޓީމާއެކު އަހުލުވެރި ނުވަނީސް އޭނާ އަށް ޖެހުނީ ބާސާގެ މެޗެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ފާޓީ ވަނީ ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ފްރޭންކީ ޑި ޔޯންގް ކާމިޔާބު ކުރީ ފާޓީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ 27 ވަނަ މިނެޓްގައި ކެވިން ގެމޭރޯ، ވެލެންސިއާ އަށް ނަތީޖާ ފަރަގު ކުޑަ ކޮށްދިނެވެ. ބާސާއިން ދެ ވަނަ ހާފަށް ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ލުއިސް ސުއަރޭޒް ކުޅެން ނެރެގެންނެވެ. ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި ޑިފެންޑަރު ޖެރާޑް ޕީކޭ ބާސާއަށް ލީޑް ފުޅާ ކޮށްދިނެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ސުއަރޭޒް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ވެލެންސިއާގެ ދެ ވަނަ ލަނޑު މާރިއޯ ގޯމޯޒް ކާމިޔާބު ކުރީ މެޗުގެ 92 ވަނަ މިނެޓްގަ އެވެ.
ސީޒަން ރަނގަޅު މޫޑެއްގައި ފެށި އެތުލެޓިކޯ މެޑްރިޑް ވަނީ ރެއާލް ސޮސިއެދާދު އަތުން 2-0 ން ބަލިވެފަ އެވެ. އިންޓަނޭޝަނަލް ބްރޭކުގެ ސަބަބުން ވަރުބަލިވެފައި ތިބި ކުޅުންތެރިން ބަދަލު ކޮށްލުމުން އެތުލެޓިކޯ މައްސަލަ ކުރިމަތި ވި އެވެ.
ސޮސިއެދާދުގެ ފުރަތަމަ ލަނޑު 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން ސޮސިއެދާދުްއަށް ކުލެމުން އަންނަ މާޓިން އޮޑިގާޑް އެވެ. ސޮސިއެދާދުގެ ދެ ވަނަ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަޗޯ މޮންރެއާލް އެެވެ. އެތުލެޓިކޯގެ ކީޕަރުން ޔާން އޮބްލެކްއަށް އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުމުން އެތުލެޓިކޯއަށް އިތުރު މައްސަލައަކަށް ވި އެވެ. ބަދަލުގައި ކުޅުން ނުކުތީ ދެ ވަނަ ކީޕަރު އެންޓޯނިއޯ އަޑާން އެވެ.
މެޗުން ބަލިވިޔަސް، އެތުލެޓިކޯ ދަމަހައްޓަމުން އަންނަ އެއް ވަނަ މަގާމަކަށް ބަދަލެއް ނާދެ އެވެ. ކުރިން ކުޅުނު ތިން މެޗުންވެސް މޮޅުވެފައި ވުމުން އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ.