ހަބަރު

ކޮންމެ ރައްޔިތެއްގެ ހައްގު ހިމާޔަތް ކޮށްދޭނަން: ރައީސް

ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތު ކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާ ކޮންމެ ރައްޔިތެއްގެ، ކޮންމެ ހައްގެއް ހިމާޔަތް ކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތޯބުގަ އެވެ.

ރައީސްގެ ޚިތޯބުގައި ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ކުރު ތައާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހުތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމަށެވެ. މި ހަގީގަތަށް ބަލާއިރު، ގައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، އެންމެނަށް ވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

"... ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަން ކުރެވިއްޖެ އެވެ. ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުން ވެސް އިހްސާސް ކުރެވިއްޖެ އެވެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތް ވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަމަލީ ގޮތުން ތަޖުރިބާ ކުރެވިއްޖެ އެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެނާމެދު ހަމަހަމަކަމާއެކު މުއާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެއް ކަމަށެވެ.

"... ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގަ އެވެ. އެހެން ކަމުން، ރައްޔިތުންގެ ވެރިކަމަކީ ގާނޫނުގެ ވެރިކަމެވެ. ގައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާ އެއްމެ، ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލު ވެއެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަން ކުރެވިއްޖެ... ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތްވެސް، ތަޖުރިބާ ކުރެވިއްޖެ
އިބްރާހިމް މުހައްމަދު ސާލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ޚިތޯބުގައި ވިދާޅުވީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމުގެ ކަންކަން ބަދަލުވެފައި ވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރި ކޮށްދިނުން ކަމަށެވެ.

އޭގެ ތެރެއިން އެންމެ އިސްކަން ދޭންޖެހިފައި ވަނީ، ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރި ކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށާ އަދުލުވެރި ކަމާއި ހާމަކަމާއެކު، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ނަގަހައްޓައި ދިނުމާއެކު ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ހައްގު ރައްކާތެރި ކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"... ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ގައުމަކަށް އަދި ކޮންމެ މުޖްތަމައަކަށް ވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސް ދޭނެ ހަމަތަކެކެވެ. އަދި އެއީ އެބައެއްގެ ސަގާފަތާއި، އެބައެއްގެ އަގީދާއާ ފުށު ނާރާ ގޮތަށް، އެ މުޖުތަމައަކަށް ފައްކާކުރެވޭ ހަމަތަކެކެވެ. މި އުސޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމި އޮންނާނެ އެވެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ހިމާޔަތް ކޮށްދީ، ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވެފައި ވެއެވެ.