ހަބަރު

ބިނާކުރަނިވި މަސައްކަތްތައް ކުރުމުގައި މިއަހަރު ވެސް މަޖިލިސް ދެމި އޮންނާނެ: މަސީހު

މިފެށުނު 2015 އަހަރުގައި ވެސް އުފެއްދުންތެރި އަދި ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

އާ އަހަރާ ގުޅިގެން އެމަނިކުފާނު ނެރުއްވި ހިތާބެއްގައި ވަނީ މިއީ ގައުމީ ފެންވަރުގައި ރާއްޖެ އިތުރަށް މުއްސަނދި ކުރުމަށާއި އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ކުރިއަށް ޖެއްސުމަށާއި އުމްރާނީ ތަރައްގީ ހަލުވިކޮށް އިޖްތިމާއީ އަދާލަތު ހަރުދަނާ ކުރަން އަޒުމުވި ކަނޑައަޅަންވީ ވަގުތު ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ވެސް މިއަދު ވަނީ އެކަންކަމަށް މަގު ފަހިކޮށް ދީފައި ކަމަށާއި އެހެންވެ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމުގައި މިފެށުނު އަހަރު ވެސް މަޖިލިސް ދެމި އޮންނާނެ ކަމަށް އެ ހިތާބުގައި މަސީހު ވިދާޅުވި އެވެ.

"މިދެންނެވި ހުރިހާ ރޮނގަކުން، ހުރިހާ ގޮތަކުން އިތުރުވެގެންދާ މުއްސަނދިކަން ވެގެން ދާނީ އަޅުގަނޑުމެން މިއެދޭ ތަހްޒީބާއި ތަމައްދުނާއި ތަރައްގީ ހާސިލްކޮށްދޭނެ ބާރަކަށެވެ،" އެ ހިތާބުގައިވެ އެވެ.

މިހާރު ޗުއްޓީގައި އޮތް މަޖިލިސް ދެން ހުޅުވޭނީ އަންނަ މާޗް މަހު އެވެ. މިދިޔަ އަހަރުގެ ފަހު ދައުރުގައި މަޖިލީހުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ކާމިޔާބު ކުރެވިފައިވާ ކަމަށް މަސީހު ކުރިން ވަނީ ވިދާޅުވެފަ އެވެ.