ހަބަރު

މީރާގެ އިސް ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

Sep 17, 2019
4

މީރާގެ ބޯޑުގެ އެންމެ އިސް ދެ މަގާމު ކަމަށްވާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ. އެ ދެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުން ލިބެ އެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ.

މީރާގެ އިސް ދެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޓެކްސްއާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައި ހުރުން ހިމެނެ އެވެ. އަދި ސަރުކާރުގެ މާލިއްޔަތާ ބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް ޝަރުތެކެވެ.

އެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.

ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑު އެކުލަވާލަން ޖެހެ އެވެ.

މިހާރު ގާނޫނަށް ގެނައި އިސްލާހާއެކު މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންއާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ އިތުރުން ރައީސް އައްޔަން ކުރައްވާ ފަސް ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ބޭފުޅެކެވެ. ކުރިން ގާނޫނުގައި އޮތް ގޮތުން، މިރާގެ ބޯޑަށް ފިނޭންސް މިނިސްޓްރީން ބޭފުޅަކު ކަނޑައެޅެއް ނާޅަ އެވެ.