ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަރުގަދަ ސިޔާސަތުތަކެއް

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖްލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ސިޔާސަތުގައި ގާނޫނާ ޚިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

އެގޮތުން ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނާ ޚިލާފަށް، ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ. އަދި، ގާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ވެސް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އަދި އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ރެކޯޑް އަދަދަކަށް ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާއިރު އެ މީހުން ގެންދަނީ ރާއްޖޭގައި ވިޔަފާރި ކުރުމާ، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ވެސް ކުރަމުންނެވެ. އެފަދަ ބައެއް މީހުން ހޯދާ ޑީޕޯޓް ކުރަމުންދާއިރު މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު މަސައްކަތެއް ހިނގާފައެއް ނުވެއެވެ.